14 Oct 2012, 11:20
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް މީޑިއާގައި ހާމަ ކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ވިދާޅުވެ ޕާސްޕޯޓް އަދިވެސް އޮތީ އެ މަނިކުފާނުގެ އަތުގައި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ދެކުނުގެ ހަތަރު އަތޮޅުތަކަށް ކުރި "ވައުދުގެ ދަތުރު" ނިންމާލުމަށް ރޭ އައްޑޫ ސިޓީގެ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ޕާސް ޕޯޓް އަތުލާފައިވާ ކަމަށް ބުނެ މީޑިޔާގެ ފަލަ ސުރުހީތަކަށް އެރި ނަމަވެސް އެއީ ދޮގުވާހަކައެއް ކަމަށާއި ޕާސްޕޯޓް އޮތީ އެމަނިކުފާނުގެ އަތުގައި ކަމަށެވެ.
"އަޅުގަނޑުގެ ޕާސްޕޯޓް އަޅުގަނޑުގެ އަތުގައި އެބޮތް. ޕާސްޕޯޓް އަތެއް ނުލާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖޫޑިޝީއަރީން އިއްޔެ ބުނެފައި ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުނު ދުވަހު ކަމަށެވެ.
ނަޝީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ކޯޓުގެ ހުއްދަ ނެތި މާލެ އިން ބޭރަށް ފުރައިގެން ނުދިޔުމަށް ވެސް ހުޅުމާލޭ ކޯޓުން ވަނީ ނަޝީދަށް އަންގައިފަ އެވެ. ނަމަވެސް ވައުދުގެ ދަތުރުގައި ނަޝީދު ފުރާވަޑައިގަތީ ކޯޓުގެ އެ އެންގުމަށް ގޮންޖެއްސެވުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.
ނަޝީދުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރެ ސިފައިން މެދުވެރިކޮށް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގ. ގިރިފުށީގައި ބަހައްޓާފައިވާތީ އެވެ. ނަމަވެސް ނަޝީދު ވަނީ ދައުވާ އަށް އިންކާރުކުރައްވައިފަ އެވެ. އަދި ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ވެސް ހުށަހަޅާފަ އެވެ.
ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އަލުން ބޭއްވުމަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ އިރު ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.