ޗައިނާ އާއި ރާއްޖެއާ ދެެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަދަށް 40 އަހަރު ފުރިއްޖެ އެވެ.

ދެ ގައުމުގެ ގުޅުމަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗައިނާގެ ރައީސް ހޫޖިންޓާއޯއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވަނީ ހެޔޮ އެދުމުގެ މެސެޖް ބަދަލުކުރައްވާފަ އެވެ.

ޗައިނާގެ ރައީސް ހޫ ރައީސް ވަހީދަށް ފޮނުއްވި މެސެޖްގައި ވިދާޅުވެގައި ވަނީ ފާއިތުވި 40 އަަހަރު ދުވަހުގެ ތެރޭގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ގޮސްފައި ވަނީ ވަރަށް ހަލުވިކަމާއެކުގައި ކަމަށާއި ދެ ގައުމުގެ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަގައުމަކާ ދެމެދު އޮންނަ ގުޅުމުގެ ނަމޫނާއެއް ކަމަށެވެ.

"ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ކުރިއެރުވުމަށް ރާއްޖެއާ އެކު މަސައްކަތް ކުރުމަށް ޗައިނާ އޮތީ ތައްްޔާރަށެވެ،" ރައީސް ހޫގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ވަހީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ ޗައިނާއާ އެކު އޮތް ޒަމާންވީ ގުޅުމުގެ އަގު ދިވެހިރާއްޖެ އިން ވަޒަންކުރާ ކަމަށާއި ރާއްޖޭގެ ތަރައްގީ އަށް ޗައިނާ އިން ވެދެމުންދާ އެހީއަށް ޝުކުރުވެރިވާ ކަމަށެވެ.

ޗައިިނާ އާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމުން އެގައުމުގެ ބޮޑުވަޒީރު ޔަން ޖިއޭޗީ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު ޢަބުދުﷲ އަށް މެސެޖެއް ފޮނުއްވާފަ އެވެ.

ޗައިނާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ވެދެމުންނެވެ. އެގޮތުން ރާއްޖޭގެ ދާރުލްއާސާރާއި ނެޝަނަލް ލައިބްރަރީގެ އިމާރާތާއި ފޮރިން މިނިސްޓްރީގެ އިމާރާތަކީ ޗައިނާ އިން ބިނާކޮށްދީފައިވާ ތަންތަނެވެ. ޗައިނާގެ އެމްބަސީއެއް މިދިޔަ އަަހަރު ވަނީ ރާއްޖޭގައި ގާއިމްކޮށްފަ އެވެ.