މާލޭ ގެއަކުން ބަނގުރާފުޅިތަކާ އެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ގ. ކަނޑިތޮޅިއާގޭގެ ކޮޓަރިއަކުން ބަނގުރާ ފުޅިތަކަކާ އެކު ހައްޔަރު ކުރީ ހަތަރު ބިދޭސީއަކާއި ދިވެއްސެއް ކަމަށެވެ. އެއީ ޢުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކާއި 29 އަހަރާއި 26 އަހަރާއި 32 އަހަރާއި 31 އަހަރުގެ ބިދޭސީ ފިރިހެނުން ކަމަށެވެ.

ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.

އެ އޮޕަރޭޝަނުގައި ފުލުހުންގެ ޓީމު އެމީހުން ތިބި ކޮޓަރި އަށް ގޮސް އެކޮޓަރިތެރެ ބަލައި ފާސްކުރި އިރު އެކޮޓަރިތެރެއިން، އޮރިޖިނަލް ޕެކިންގައި ނުކަނޑާ ހުރި ނުވަފުޅި ބަނގުރަލާއި ކަނޑާފައި ހުރި ބަނގުރާ ފުޅިއަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ތާޒާފެން ހުސްކުރި 14 ފުޅީގެ އިތުރުން ބަނގުރާ ކަމަށް ޝައްކުކުރެެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ލައިފުފެން ހުސްކުރި ތިން ފުޅި އާއި ބަނގުރާ ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރާތައް ފެނިފައިވާ އެކޮޓަރިއަކީ އެ މައްސަލައިގައި ހިމެނޭ ބިދޭސީން ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައި ހުރި ކޮޓަރިއެއް ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.