14 Oct 2012, 09:51
ކޮންސްޓުރަކްޝަން ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ، ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ މަސީން އިކޮނޮމިކް މިނިސްޓާ، އަހުމަދު މުހަންމަދަށް ސިޓީއެއް ފޮނުވައިފި އެވެ.
މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ސޮއިކުރައްވާ މިދިޔަ ބުދަ ދުވަހު މިނިސްޓާ އަހުމަދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މުދަލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން އެބަދަލު ކޮންޓުރެކްޓަރުނަށް ލިބޭގޮތްނެތުމާއި ފައިސާގެ ގެ އަގަށް އަންނަ ބަދަލާގުޅިގެން ދޭންޖެހޭ ބަދަލު ދެވޭގޮތެއް ނެތުމުގެ ސަބަބުން ކޮންސްޓުރަކްޝަން އިންޑާސްޓުރީއަށް ނޭދެވޭއަސަރުތަކެއް ދަނީ ކުރަމުން ކަމަށެވެ.
"މި ކަންކަމަކީ ވީހާވެސް އަވަހަކަށް ހައްލުކުރަން ޖެހޭ ކަންކަމެވެ. ނަމަވެސް މިކަންކަމަށް އަދިވެސް ހައްލެއް ލިބިފައެއްނުވެ އެވެ. މިކަންކަން ހައްލުކޮށްދިނުމަކީ މި އިންޑަސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ،" ސިޓީގައިވެ އެވެ.
ކޮންޓްރެކްޓަރުން ހުށައަޅާ ބިލްތަކަށް ފައިސާ ލިބުން ލަސްވުމާއި ކޮންޓުރެކްޓަރުން ބުނާ މުއްދަތު ފަހަނަ އެޅުމަށްފަހު ފައިސާ ދޫކުރާއިރު ޕްރޮޖެޗްޓުގެ ވެރިފަރާތުން ކޮންޓްރެކްޓަރަށް ދޭންޖެހޭ ކޮމްޕެންސޭޝަން ދެމުން ނުދާތީ އެކަމަށްވެސް ގަވާއިދުތަކުގެ ތެރެއިން ހައްލު ހޯދައިނުމަށް ވަނީ އެދިފަ އެވެ. ސަލާމަތީ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށާއި ގަވާއިދާއި ހިލާފަށް ބިދޭސީން ގެންގުޅުން ހުއްޓުވުމަށްވެސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް ޖަނާ ވަނީ ވިދާޅުވެފަ އެވެ.