ނުވާކްޝުޓް (އޮކްޓޯބަރ 14): މޮރިޓޭނިޔާގެ ރައީސް މުޙައްމަދު ޢަބްދުލްޢަޒީޒުގެ މޮޓޮކޭޑަށް ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަޚަމްވެވަޑައިގެންފި އެވެ.

މިޙަމަލާއާގުޅޭގޮތުން މޮރިޓޭނިޔާގައި ޚަބަރު ފެތުރިގެން ދިޔައީ މިއީ ރައީސް މުޙައްމަދު ޢަބްދުލްޢަޒީޒު އަވަހާރަކޮށްލުމަށް ބަޔަކު ދިން ޙަމަލާއެއްކަމުގަ އެވެ. ސަރުކާރުން ބުނީ މިއީ މޮރިޓޭނިޔާގެ ސިފައިންގެ ޕެޓްރޯލަކުން އޮޅިގެން ދިން ޙަމަލާއެއްކަމަށާއި ރައީސް ޢަބްދުލްޢަޒީޒު އަވަހާރަކޮށްލުމުގެ އެއްވެސް ނިޔަތެއް މިޙަމަލާގެ ފަހަތުގައި ނުވާކަމުގަ އެވެ. ނަމަވެސް މިޙަމަލާގައި ރައީސް ޢަބްދުލްޢަޒީޒު ކޮންމެވެސް ވަރަކަށް ޒަޚަމްވެވަޑައިގެންފައިވާ ކަމަށާއި ވެރިރަށް ނުވާކްޝުޓްގެ ޢަސްކަރީ ހޮސްޕިޓަލެއްގައި އޭނާ އަށް ފަރުވާދެމުން ގެންދާކަން ސަރުކާރުން ބުނެފައިވެ އެވެ. މޮރިޓޭނިޔާ ސިފައިންގެ ޕެޓްރޯލަކަށް އޮޅިގެން ރައިސްގެ ކާރުކޮޅަށް ޙަމަލާ ދެވުނުގޮތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޢަބްދުލްޢަޒީޒުގެ މޮޓޮކޭޑަށް ދިން ބަޑީގެ ހަމަލާގެ އުންޑައެއް ވަނީ އޭނާގެ އަތްޕުޅަށް އަރާފައެވެ. ނަމަވެސް ރައީސް ޢަބްދުލްޢަޒީޒުގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތިވެފައިނުވާ ކަމަށާ އަތްޕުޅުގެ އޮޕަރޭޝަނަށް ފަހު އަދި އޮންނެވީ ހޮސްޕިޓަލުގައި ކަމަށް މޮރޮޓޭނިޔާގެ އަމްނާބެހޭ ދާއިރާތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިޙަމަލާއާ ގުޅޭގޮތުން މޮރިޓޭނިޔާގައި ފެތުރިގެންދިޔަ ޚަބަރުތައް ބުނާ ގޮތުން މިޙަމަލާދީފައި ވަނީ ގޮތްނޭނގޭ ހަނގުރާމަވެރި ޖަމާއަތަކުންނެވެ. ޙަމަލާދިން މީހުން ބޭނުންކުރި ކާރު ދުއްވަމުން ދިޔައީ ރައީސް ޢަބްދުލްޢަޒީޒުގެ މޮޓޮކޭޑާ އިދިކޮޅަށް ކަމަށް ވެސް މިޚަބަރު ބުނެ އެވެ. މޮރިޓޭނިޔާގެ ރައީސް ކަމަށް މުޙައްމަދު ޢަބްދުލްޢަޒީޒު އިސްވެވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. (ނޫސްއެޖެންސީތައް)