14 Oct 2012, 00:20
ރާއްޖޭގެ ތަރައްގީއަށް ޓަކައި މިދިޔަ ތިން އަހަރު ފަށާފައިވާ ހުރިހާ މަޝްރޫއެއް މިހާރު ހުއްޓިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފާއިތުވި ތިން އަހަރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ އިރު ރާއްޖޭގެ ތަރައްގީއަށް ޓަކައި މިސާރުކާރަށް އެއްވެސް ކަމެއް ކުރެެވެމުން ނުދާ ކަމަށެވެ.
ރައީސް ވަހީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް މިހާރު މިސަރުކާރުގައި ނެތް ކަމަށާއި ސަރުކާރުގެ އަމިއްލަ އެދުމާ ހެދި ރާއްޖެ ބަނގުރޫޓް ވެދާނެތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތާމަޔަކީ މިސަރުކާރަށް ތަރައްގީގެ މަސައްކަތް ނުކުރެވޭތަނުގައި ސަރުކާރު މުވައްޒަފުން ކޮޅަށް މުސާރަ ދެވޭ ހާލުވެސް އެބޭފުޅުންގެ ނެތްކަން. އަޅުގަނޑުމެންގެ ހިތާމަޔަކީ އެބޭފުޅުންގެ އަމިއްލަ އެދުމަށްޓަކައި މިރާއްޖެ ބަނގުރޫޓްވެދާކަން،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި ޒުވާނުން އައްޑޫގައި އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށާއި އެއީ އޭނާ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ވައުދަކީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުން ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.
މިރޭ އެމްޑީޕީގެ ޖަލްސާ ބާއްވާފައި ވަނީ ސާކް ސަމިޓް ބާއްވަން އައްޑޫގައި އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގަ އެވެ. މިއީ ސިޔާސީ ޕާޓީއަކުން ކޮންވެންޝަން ސެންޓަރުގައި ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ނަޝީދު އައްޑު އަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. އެއީ އެމްޑީޕީން މި މަހުގެ1- 14 އަށް ދެކުނުގެ އަތޮޅުތަކަށް "ވައުދުގެ ދަތުރު"ގެ ނަމުގައި ކުރާ ކެމްޕޭން ދަތުރުގަ އެވެ.
އެމްޑީޕީން ބުނީ ދެކުނުގެ ދަތުރުތަކަށް ކުރާ "ވައުދުގެ ދަތުރު"ގެ އެންމެ ފަހު މަންޒިލަކީ އައްޑޫ ސިޓީ ކަމަށާއި ދަތުރު ނިންމާލުމަށް ފަހު ނަޝީދާ އެކު ދަތުރުގެ ބައިވެރިން މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި އައްޑޫން ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.