މިޔާމީ (އޮކްޓޯބަރ 13): އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެޤައުމުގެ ކަންކޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކޭންޕޭން ދަތުރުތަކުގައި އޭނާ އަށް ޙިމާޔަތާއި ރައްކާތެރިކަންދޭ ބާރުތަކުގައި ހިމެނޭ އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓަކު ބަނގުރާބުއިމުގެ ސަބަބުން މަސްތުވެފައިވަނިކޮށް ހައްޔަރުކޮށްފި އެވެ.

ޔުނައިޓެޑް ޕްރެސް ޚަބަރުދޭ ގޮތުގައި އޮބާމާގެ ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ އެމެރިކާގެ ސީކްރެޓް ސާވިސްގެ މި އެޖެންޓް ހައްޔަރުކުރީ އޮބާމާ މިޔާމީގައި ހުންނެވުމަށް ފަހު އެ ރަށުުން ފުރާވަޑައިގަތުމަށް ފަހުގަ އެވެ. ސީކްރެޓް ސާވިސްގެ މި އެޖެންޓް ހައްޔަރުކުރީ މަސްތުވެފައިވާ ޙާލުގައި މިޔާމީގެ މަގެެއްގެ ހަތަރު އަނގޮޅީގެ ކަންމައްޗަކަށް ވާގޮތަށް ވެއްޓިފައި ވަނިކޮށް ކަމަށާއި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޮބާމާ އަށް ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި ޙަރަކާތްތެރި ނުވެވޭ މިންވަރަށް މަސްތުވެފައި ހުރުމާއި ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއަޅައި ގަދަބާރު ދެއްކުން ކަމަށް ޔުނައިޓެޑް ޕްރެސް ބުނެ އެވެ.

އާރޮން ފްރާންސިސް އިންގްލާ ނަމަކަށް ކިޔާ މިއެޖެންޓް މިޔާމީގެ މަގެެއްގެ ހަތަރު އަނގޮޅީގެ ކަންމައްޗަކަށްވާ ގޮތަށް ވެއްޓިފައިވަނިކޮށް ހައްޔަރުކުރި އިރު އޭނާ އަށް ހޮޑުލެވިފައިވުމުގެ އިތުރުން ދެލޯ ވަރަށް ބޮޑަށް ރަތްވެ މުުޅިގައިން ބަނގުރަލުގެ ވަސްދުވާ ކަމަށް ފުލުހުން ބުނެ އެވެ. އާރޮން ފްރާންސިސް އަކީ އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓެއް ކަން ފުލުހުންނަށް އެނގުނީ އޭނާ ހައްޔަރުކޮށް އަތުގައި ބިޑި އެޅުވުމަށް ފަހު އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓް ކަމުގެ ކާޑު އޭނާގެ ޖީބަކުން ފެނުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސީއެންއެން ބުނާ ގޮތުން އާރޮން އާދަޔާ ޚިލާފަށް ބަނގުރާބުއި ކަމަށް ވަނީ މިޔާމީގައި އޮބާމާ ކުރިޔަށް ގެންދެވި ކޭންޕޭން މަސައްކަތްތައް ނިންމަވާލައްވައި އެ ރަށުން ފުރާވަޑައިގަތުމަށް ފަހުގައި އޮބާމާ ފުރާވަޑައިގެންނެވި ނަމަވެސް ސިކްރެޓް ސާވިސްގެ ބައެއް އެޖެންޓުން މިޔާމީގައި ތިބީ އެހެން ބޭނުމަކަށް ކަމަށްވެ އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް)