ސަރަހައްދުގެ އަށް ޤައުމުގެ މެދުގައި ބާއްވާ ނުވަ ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ފަސް ބޮޑީ ބިލްޑަރުން ވާދަކުރުމަށް ނިންމައިފި އެވެ.

ކުރިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސި، މި މުބާރާތް މިހާރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އަންނަ މަހު 2 އިން 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން ވިދާޅުވީ، މި ފަހަރުގެ މުބާރާތުގައި ރާއްޖެ އިން ފަސް ބޮޑީ ބިލްޑަރުން ތަފާތު ފަސް ކެޓަގަރީއެއްގައި ވާދަކުރާނެ ކަމަށެވެ. އަދި އެ ފަސް ބިލްޑަރުން ނަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގައި އެންމެ ރަނގަޅު ކަމަށް ބެލެވުނު ފަސް ބިލްޑަރުން ކަމަށް އަމީން ވިދާޅުވި އެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ފަސް ބިލްޑަރުން ނަކީ ޖެހިޖެހިގެން ދެ ފަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ކަސްޓަމްސްގެ އާދިލް މުހައްމަދާއި އެމްއެންޑީއެފްގެ މަހުމޫދު ޒިއާދާއި އެމްއެންޑީއެފްގެ މުހައްމަދު އިބްރާހިމް، އަމިއްލަ ގޮތުން ވާދަކުރާ ގިޔާސް އިބްރާހިމް އަދި އަމިއްލަ ގޮތުން ވާދަކުރާ މުހައްމަދު ރަޝީދެވެ.