13 Oct 2012, 17:13
ޖަލުގައި ތިބޭ ކުއްވެރިން މުޖުތަމައަށް އަބުރާ ގެންނަން ކުރީ ސަރުކާރުން ހިންގި ދެވަނަ ފުރުސަތު ޕްރޮގްރާމަކީ ގަވާއިދާއި ޚިލާފު ގިނަ ކަންތައްތަކެއް ހިމެނޭ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ކުށުގެ ވެށި އިތުރަށް ތަގައްޔަރު ވެފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޖަމީލް ވިދާޅު ވެއްޖެ އެވެ.
"ސަން އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ދެވަނަ ފުރުސަތު ޕްރޮގްރާމް ހިންގާފައިވަނީ ކުއްވެރިން އަބުރާ މުޖުތަމައަށް ނެރުމުގެ ބޭނުމުގައި ނޫން ކަމަށާއި ސަރުކާރުން ބެނުންވާ ބަޔަކު މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭގެ ނަތީޖާ އަކަށްވީ ރަށުތެރެ އިތުރަށް ނާމާންވެ މާރާ މާރީ އާ ވައްކަމާއި، ފޭރުމާއި މަސްތުވާ ތަކެތީގެ މައްސަލަތައް އިންތިހާ އަށް އިރުވެގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ. އޭރު ޖަލުގައި ހުކުމް ތަމްފީޒު ކުރަމުން ދިޔަ ގައިދީންގެ ތެރެއިން ދޫކޮށްފައި ތިބި މީހުންނަކީ އެ ޕްރޮގްރާމްގެ ދަށުން މީހުން ދޫކުރުމަށް ކަނޑަ އަޅާފައި ހުރި ޝަރުތު ތަކުގެ ތެރެއަށް ނުފެތޭ މީހުން ކަމަށްވެސް ޖަމީލު ވިދާޅު ވިއެވެ.
"އޭރު ހަމަ ލިސްޓެއް ހަދައިގެން ގޮސް ނެރުނީ. އަޅުގަނޑު އަމިއްލައަށްވެސް ބަލާލިން އެބޭފުޅުން އަމިއްލަ އަށް ހަދާފައި ހުރި ޝަރުތު ތަކުގެ ތެރެއަށްވެސް ނުފެތޭ މީހުން ދޫކޮށްފަ ހުރީ. އޭގެ ނަތީޖާ މި ފެންނަނީ ރާއްޖޭގެ ކުށުގެ ވެށި މުޅިން ތަގައްޔަރު ވެފައި މި އޮތީ" ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އެއްވެސް އުސޫލެއް ނެތި ދޫކޮށްފައި ތިބި ކުއްވެރިން ހޯދުމަށް މިހާރު ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި، އޭގެ ނަތީޖާ އެއްގެ ގޮތުން މިހާ ތަނަށް 1،000 އަށް ވުރެ ގިނަ ކުއްވެރިން އަނބުރާ ޖަލަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމު ބިނާ ކުރުމުގެ ވާހަކަ ހުރިހާ ފަރާތް ތަކުން ދައްކަމުންދާ އިރު ބައެއް ކަންތައް ތަކަކީ ސިޔާސީ ނުކުރަން ޖެހޭ ކަންތައްތައްކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ތަހުގީގު ހިންގާ އިރުވެސް އަދި ހުކުމް ތަމްފީޒު ކުރާ ހިސާބުންވެސް އިންސާނުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވާތީ އެ ދާއިރާ ވާންޖެހޭނީ ސިޔާސީ ފިކުރާއި، ނުފޫޒުން އެއްކިބާ ވެފައިވާ ތަނަކަށް ކަމަށެވެ.
"މުޖުތަމައު އަށް ވަރަށް ބޮޑެތި ގެއްލުން ތަކެއްދޭ ބައެއްގެ ވާހަކަ މިދައްކަނީ. ދެން އެފަދަ ފަރާތް ތަކުގެ މައްޗައް ތަހުގީގު ކުރެވި ދައުވާ ކުރެވި ހުކުމް ތަމްފީޒު ކުރެވޭ ހިނދު އެބަޖެހޭ މުޖުތަމައުގެ މައްޗައް އިންސާފެއް ދޭން. މުޖުތަމައު އަށް އިންސާފެއް ނުދެވޭނެ މިއަދު ޖަލަށް ވައްދާ މީހާ މާދަމާ ދޫކޮށްލީމަ އެއް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ގައިދީންގެ ތެރެއިން މުޖުތަމައަށް ނެރުމަށް ޝަރުތުހަމަވާ މީހުން އެއްވެސް ނުފޫޒެއްނެތި މިނިވަންކުރުން ކަމަށެވެ. ޖަމީލު ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައި ތިބި ކުއްވެރިންގެ ތެރެއިން އެންމެން އަނބުރާ ޖަލަށް ބަދަލު ކުރުމަކީ ސަރުކާރުން ގަސްތުކުރާ ކަމެއް ނޫން ކަމަށާއި އެމީހުންގެ ތެރެއިން އަނބުރާ ހުކުމަށް ބަދަލު ކުރާނީ ތަކުރާރު ކޮށް ކުއްކުށައް އަރައިގަންނަ ފަރާތް ތަށް ކަމަށެވެ. އަދި ފުލުން ނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުގެ މައްޗައް ބިނާކޮށްވެސް ބައެއް މީހުން ޖަލަށް ގެންދަން ޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޖަލަށް ހުކުމް ކުރެވޭ މީހުން އަނބުރާ މުޖުތަމައު އަށް ނެރުމަށް ސަރުކާރުން މިހާރު ވަނީ އާ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ޖަލުން ނުކުންނަ ކޮންމެ މީހަކީ ކޮންމެވެސް މަސައްކަތެއް ދަސްވެފައިވާ މީހަކަށް ހެދުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމް ތައް ހިންގުމާއި، އޯލެވެލް ފެންވަރަށް ކިޔެވޭނެ މަގުތައްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޕްރޮގްރާމް ތައް ފުރިހަމަ ކުރާ ފަރާތް ތަކުގެ ތެރެއިން ހުކުމުގެ ބެދައިކުޅަ އެއްބައި ތަންފީޒު ކުރާ ގައިދީން އަނބުރާ އާއިލާ އާ ހަވާލު ކުރެވޭނެ އުސޫލެއްވެސް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.