13 Oct 2012, 16:49
ގައުމީ 32 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދަ ބައޫސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ދަ ބައޫސްއިން ހޯދީ ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 57 ޕޮއިންޓް 55 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވނީ ޗެމްޕިއަން ބައޫސް ކުލަބުގެ އިބްރާހިމް މުއާޒެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔަށް 17 ޕޮއިންޓު ހޯދާދީފައެވެ.
ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް ހާސިލް ކުރި ކުޅުންތެރިން ވަނީ ހޮވައިފައެވެ. އެގޮތުން މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ މަގާމް ހޯދީ ބައޫސްގެ ހަސަން ފާރިޝް އެވެ. އަދި އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކަށް އެލްކިއު ސްޕޯޓްސް ކްލަބުގެ މުހައްމަދު އީވާން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ބައުސްގެ މުހައްމަދު ޒިލާލް އެވެ.