13 Oct 2012, 16:46
ޖިނާއީ މައްސަލަތައް ޝަރީއަތަށް ސާބިތު ކުރެވޭ ވަރު އިތުރުކުރުމަށް ތަހުގީގާއި ދައުވާ އެކުގައި ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ނިޒާމެއް އެކުލަވާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައިވަނީ ތަހުގީގަށް ހެކިބަސް ދޭތާ ގިނަ ދުވަސްތަކެއް ފާއިތުވާ ފަހުން ތަހުގީގު ނިމި ދައުވާ ކުރެވޭ އިރު ހެކިބަސް ދޭ މީހުންގެ ޚިޔާލު ބަދަލުވެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމަށް ޖެހިލުންވާކަމަށެވެ. އެހެންކަމުން ތަހުގީގާއި ދައުވާ އެކުގައި ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށް ދާއިރު ވެސް ދައުވާ ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމުގެ އިތުރަށް ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ މުއްދަތުގެ މަޖިލީހަކީ ވެސް ޝަރީއަތުގެ މަޖިލީހެެއްގެ ގޮތުގައި ހެދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތަށް ހަދަން ޖެހެނީ މުއްދަތު މަޖިލީހަކީ ޝަރީއަތުގެ މަޖިލީހަކަށް ނުވުމުން މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެފައި ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް އިންކާރު ކުރާ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"މުއްދަތު މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ކުށަށް އިޢުތިރާފުވުމަށްފަހުގައި ވެސް، ޝަރީޢަތް ފެށުމުން އެކަމުން އޭނާ ބަރީޢަވާތަން އެބަފެނެ އެވެ. އެކަމަކު ކުރެވޭނެ ކަމެއް ނޯވެ އެވެ. މުއްދަތު މަޖިލީހަކީވެސް ޝަރީޢަތުގެ މަޖިލީހަކަށް ނުބަލަ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އެގޮތަށް އަމަލުކުރަން ފެށުމުން ޖިނާއީ ކުއްތަށް ޝަރީއަތަށް ސާބިތުވާ ނިސްބަތް އިތުރުވެގެން ދާނެ ކަމަށާއި މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީގެ މައްސަލަތަކުގައި އެގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ގާނޫނުތަކެއް ފާސް ނުކޮށް ވެސް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ކޯޓުތަކުން މިހާރު އަމަލުކުރަމުންދާ ގޮތް ބަދަލުކޮށްގެން ވެސް މިގޮތަށް އަމަލު ކުރެވިދާނެ ކަމަށާއި އެއިރުން ޖިނާއީ އަދުލުގެ ނިޒާމްގެ މަސައްކަތް ކުރިއަށްދާކަން ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މިއީވެސް، މާގިނަ ޤާނޫނުތަކެއް ނުގެނެސް، ޖިނާއީ އަދުލުގެ ނިޒާމުގެ އެކި ޙަރަކާތްތެރިން ކަމުގައިވާ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ކޯޓުތަކުން މިހާތަނަށް ވިސްނުން ގެންގުޅެމުން އައިގޮތް އިޞްލާޙުކޮށްލާއިރަށްވެސް، ގެނެވެންއޮތް ރަނގަޅު ބަދަލެކެވެ. ބޮޑު ތަފާތަކުން ނަތީޖާ ދައްކަން ފަށާނެ ހެޔޮ ބަދަލެކެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.