13 Oct 2012, 16:27
މާލިއްޔަތު ގާނޫނާ ހިލާފަށް ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ކަމަށް ބުނެ، އޮޑިޓާ ޖެނަރަލް ނެރުއްވާފައިވާ ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ހިޔާނާތުގެ މައްސަލަތަށް ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ފިޝަރިޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެ މިނިސްޓްރީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ކަމަށާއި އެ މައްސަލަ އަމިއްލަ ފަރާތަކުންވެސް އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ބަލަމުންދާ މައްސަލައެއްކަމުން އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގިނަ ރަށްތަކެއް މުއްދަތެއް ނެތް ގޮތުގައި ދޫކޮށްފައިވާ ކަމަށާއި ދަނޑުވެރިކަން ކުރުން ފަދަ އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި އެތައް ރަށަކުން ދައުލަތަށް ލިބެން ޖެހޭ 54.1 މިލިއަން ރުފިޔާ މިހާތަނަށް ވެސް ނުލިބިވާ ކަމަށެވެ.
އަދި އެ މައްސަލަ އާ ގުޅިގެން މާލިއްޔަތު ކޮމެޓީއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާއި ޕާމަނަންޓް ސެކަރެޓަރީ އަބްދުﷲ ނަސީރު ހާޒިރުކޮށް މެންބަރުން ސުވާލު ދެންނެވުމުން، އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓްގައި ބުނާ ފައިސާތަކެއް ހަރަދުކޮށްފައި ހުރީ، ކުރީގެ ސަރުކާރުގައި ރައީސް އޮފީހުން ކަނޑައަޅާފައިވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދޫ ކަމަށެވެ. އެބޭފުޅާ މިހާރުވެސް ހުންނެވީ ހަމަ އެ މަގާމުގަ އެވެ.
އަދި އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މަސްވެރިންނަށް ސަބްސިޑީ ދޫކުރާ އިރު ދަތުރު ކުރުމަށް ބޭނުން ކުރާ ދޯންޏަކާއި އަދި ވެލި ނެގުމަށް ބޭނުންކުރާ ދޯންޏަކަށް އެ މިނިސްޓްރީން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަހަށް ނުފުރާތާ އަހަރަކާއި ގާތްވެފައިވާ ދޯންޏަކަށް ވެސް ސަބްސިޑީގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެ ތިން ދޯންޏަށް ސަބްސިޑީގެ ގޮތުގައި ޖުމްލަ 243،302ރ. ދޫކޮށްފައިވާ ކަމަށް އޮޑިޓް ހިސާބުތަކުން ދައްކަ އެވެ.
އޭގެތެރެއިން ދެ ދޯންޏަކަށް ދިން ސަބްސިޑީޒްގެ ފައިސާ އަމިއްލަ މީހަކު އޮޕަރޭޓްކުރާ އިންޖީނު ގެއަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވީ ނަމަވެސް މިނިސްޓްރީން އެކަމަށް އަޅާނުލައި އެ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ތެލުގެ ސަބްސިޑީ ދިނުމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 549،764ރ. މިނިސްޓްރީގެ އަމިއްލަ ހަރަދުތައް ކުރުމަށް ބޭނުންކޮށްފައިވާ ކަމަށް އެ އޮޑިޓް ރިޕޯޓްގައިވެ އެވެ.