އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލަށް ޕްރައިވެޓް ހަތް ކޮޓަރި އިތުރުކޮށްފި އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓާ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ މީގެ ކުރިން ޑޮކްޓަރުންގެ އެކޮމެޑޭޝަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބްލޮކް މަރާމާތުކޮށް ޕްރައިވެޓް ހަތް ކޮޓަރިއެއް އެތަނުގައި ހަދާފައިވާ ކަމަށާއި މިދިޔަ ހަފްތާއިން ފެށިގެން އެތަންތަނުން ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެ ކޮޓަރިތަކުގެ ފީއަކީ ދުވާލަކަށް 550ރ. ކަމަށްވެސް ވިދާޅުވި އެވެ.

"މީގެން ކޮންމެ ރޫމެއްގައި ދެ ކޮޓަރި އާއި ފާހާނާ އެއް ހުންނާނެ އެހެންކަމުން ޖުމްލަ 14 އެނދު އިތުރުވެގެން މިދިޔައީ،" ޝަފީއު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަލަށް އިތުރު ކުރެވުނު ކޮޓަރިތަކުގެ ސަބަބުން ޕްރައިވެޓް ކޮޓަރި ހޯދުމަށް ދިމާވާ މައްސަލަތަކަށް ހައްލުވެ ކޮޓަރި ހޯދުމަށް އޮންނަ ކިޔޫ ކުޑަވާނެ ކަމަށެވެ. މިހާރު އަލަށް އިމާރާތް ކުރަމުންދާ 11 ބުރީގެ އިމާރާތް ނިމުމުންވެސް ޖާގައިގެ މަސައްލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އައިޖީއެމްއެޗް ޕްރައިވެޓް ކޮޓަރިތަށް އިތުރުކުރީއިރު އަލަށް ހަދަމުންދާ އިމާރާތް ނިންމުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން 75 މިލިއަން ރުފިޔާގެ ލޯނެއް ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ. އެ ލޯނު މި މަސްތެރޭގައި ލިބި ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ.