13 Oct 2012, 15:16
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުބާރު ނެތްކަމަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޖާބިރު މިއަދު ވިދާޅުވީ އޭނާ އަކީ ރައީސް ވަހީދުގެ ތާއީދު ލިބިވަޑައިގެން ހުރި ބޭފުޅެެއް ކަމަށާއި ރައީސް ވަހީދާއި ދެކޮޅަށް އޭނާ ވޯޓު ނުދެއްވާނެ ކަމަކީ ޔަގީންވާ ކަމެއްކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާ އަށް ތާއިދު ލިބިގެން އިންނަ މީހެއް ނޫންތޯ؟ އަޅުގަނޑަކީ އަބަދުވެސް ރައީސުލް ޖުމްހޫރިއްޔާއަށް ތާއީދު ކޮށްގެން ހުންނަ މީހެއް ނޫންތޯ؟ އަޅުގަނޑު އަންހެނުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޒީރެއް. ވަރަށް ޔަގީނެއް ނޫންތޯ އަޅުގަނޑުގެ ވޯޓެއް ރައީސުލް ޖުމްހޫރިޔާއާ ދެކޮޅަށް ނުލިބޭނެ ކަން،" ޖާބިރު ވިދާޅުވި އެވެ.
ރައީސް ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލަ ކާމިޔާބު ކުރެވިދާނެކަމަށް ފެނޭތޯ އެއްސެވުމުން ޖާބިރު ވިދާޅުވީ އެމްޑީޕީން ކުރަންއުޅޭ ކަމެއް ވާނެ ކަމެއްވެސް އަދި ނުވާނެ ކަމެއްވެސް ނޭނގޭ ކަމަށާއި އޭނާގެ ވޯޓު ރައީސް ވަހީދާއި ދެކޮޅަށް ނުދެއްވާނެ ކަމަށެވެ.
"އެމްޑީޕީން ކުރާ ކަންތައް ވާނެގޮތެއް ނުވާނެ ގޮތެއް އަޅުގަނޑަކަށް ނޭންގެ. އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެ ވޯޓެއް ނީންނާނެކަން ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ އަޅުގަނޑުމެންނަށް ނުލާހިކު މަގުބޫލު ބޭފުޅެއް. ދެން ވާނެގޮތެއް ނުވާނެ ގޮތެއް ކިހިނެތް އަޅުގަނޑަށް އެނގޭނީ،" ޖާބިރު ވިދާޅުވި އެވެ.
ރައީސް ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 29 މެންބަރުން ސޮއިކުރެއްވުމަށް ފަހު އެވެ. ޕީޕީއެމް އިން ބުނެފައި ވަނީ ރައީސް ވަހީދާއި ދެކޮޅަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ބުނެފައިވަނީ އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކުރެވިގެން މަޖިލީހަށް ވެއްދި މައްސަލައެއް ނޫން ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.