13 Oct 2012, 13:41
އެކި އެކި ޝަޚުޝިއްޔަތު ތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ދޭ، ދުނިޔޭގެ އެންމެ ޝަރަފުވެރިކަމަށް އެވޯޑްގެ ގޮތުގައި ބަލާ ނޯބެލް ސުލްހައިގެ އިނާމު ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އަށް މިއަހަރު ލިބިއްޖެ އެވެ.
ހަނގުރާމައަށް ފަހު އެ ޖަމާއަތުން އުފައްދާފައިވާ އިތުބާރަށް ބަލައި ނޯބެލް ސުލްހައިގެ އިނާމު އީޔޫއަށް ލިބިފައި މި ވަނީ މާލީ މައްސަލަތަކާއި ސިޔާސީ ގޮތުން އެ ޖަމާއަތުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެ ޖަމާއަތް ރޫޅުމުގެ ބިރު އުފެދިފައިވާ ދުވަސްވަރެއްގަ އެވެ.
އީޔޫއަށް އިނާމު ދިނުމަށް ނިންމި އިރު ނޯބެލް ސުލްހައިގެ އިނާމާ ބެހޭ ކޮމިޓީން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޔޫރަޕްގައި ކުރި ލޭ އޮހޮރުވުން ބޮޑު ދެ ހަނގުރާމައަށް ފަހު ދުޝްމަން ގައުމުތައް އެއްބައި ކުރުމަށް އެ ޖަމާއަތުން ކޮށްފައިވާ މަސައްކަތުގެ ވާހަކަ އެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އީޔޫއަށް މިދަނޑިވަޅުގައި އިނާމު ދިނުމުގެ ބޭނުމަކީ އެ ޖަމާއަތަށް ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި އެކަމުން ސަލާމަތް ވުމަށް ކުރާ މަސައްކަތްތަކަށް ހިއްވަރު ދިނުމެވެ.
ނޯބެލް އިނާމާ ބެހޭ ކޮމިޓީގައި ހިމެނޭ މެމްބަރުންވެސް ގަބޫލުކުރަނީ ޔޫރަޕް އަލުން ބައިބައިވުމުގެ ކުލަވަރު ފެންނަމުންދާ ކަމަށެވެ.
" ހައްދުފަހަނައެޅުމާއި ވަތަނީ ގޮތްތައް އިތުރުވަމުން ދާތަން މިހާރު ވެސް އަހަރެމެންނަށް އެބަ ފެނޭ، " ނޯވޭގެ ކުރީގެ ބޮޑުވަޒީރު ތޮރްބްޖޯން ޖަގްލޭންޑް ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސްގައި ވެއެވެ. އޭނާއަކީ ނޯބެލް ސުލްހައިގެ އިނާމު ދޭނެ ފަރާތްތައް ނިންމާ ޕެނަލްގެ ޗެއާމަންއެވެ.