11 Sep 2010, 15:17
20:20
ކުށް ސާބިތުނުވަނީ ގާނޫނެއް ނެތިގެން ކަމަށް ދައްކާ ވާހަކަތަކަށް، ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ސަބަބުން ހުއްޓުމެއް އަންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ ފުލުހުންގެ މަސައްކަތްކަށް ބޭނުންވާ ގާނޫނުތަކެއް ނެތް ވާހަކަ ފުލުހުން ދައްކަން ޖެހެނީ، ކުށްކޮށްފައިވާ ކަމަށް ޔަގީންވާ މީހާ ކޯޓަށް ގެންދަން އޮންނަ މަރުހަލާއިން ކޯޓާ ހިސާބަށް ދިޔަ ނަމަވެސް އެމީހާގެ މައްޗަށް ކުށްސާބިތު ނުވަނީ އެ ކަމަކާ ބެހޭ ގާނޫނެއް ނެތުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާތީ ކަމަށެވެ. ނަމަވެސް މިދިޔަ އާދިއްތާ ދުވަހު ތަސްދީގު ކުރެއްވި މި ދެ ގާނޫނުގެ ސަބަބުން އެ ވާހަކަތަކަށް ހުއްޓުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން މި ގާނޫނުތަކަށް އަމަލު ކުރެވޭނެ ކަމަށް ބުނެފައިވާތީ، އެ ކަންކަމަށް ފުލުހުން އަމަލު ކުރަމުންދާ ކަމަށާއި، ނަމަވެސް ގަވާއިދުތަކެއް ހަދައިގެން އަމަލުކުރަންޖެހޭ ކަންތައްތަކަށް، ގަވާއިދުތައް ހެދުމުން އަމަލު ކުރާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
އަދި އާ ގާނުނެއްގެ ދަށުން ރައްޔިތުންނަށް އަދަބުތަކެއް ލިބުމުގެ ކުރިން އެ ގާނޫނަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން މަސައްކަތްކުރާ ކަމަށާއި އެގޮތުން މިދެ ގާނޫނަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި މި ދެ ގާނޫނުގައި ބޮޑެތި ކަންތައްތަކެއް ހިމެނޭ ކަމަށާއި ނަމަވެސް މި ގާނުނުތަކުން ހަގީގީ ނަތީޖާ ނެރެވޭނީ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކަށް ހައްގު އަދަބުދެވި އެ އަދަބު ތަންފީޒު ކުރެވިގެން ކަމަށާއި، އެ ކަންތައްތަކާމެދު ކޯޓުތަކުން ވިސްނަންޖެހޭ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި މި ގާނޫނުގެ ސަބަބުން ގޭންގ ވަޔަލެންސް ހުއްޓުވުމަށް ކުރާ މަސައްކަތް ފަސޭހަވެ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިހަ މާއްދާގެ މައްޗަށް އެކުލެވިފައިވާ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި، ހަ ކުށެއް ކަނޑައަޅައި އެ ކުށްތަކުގެ އަދަބުގެ ގޮތުގައި ހަ މަހާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން އަށާރަ އަހަރުން ދަށުގެ ކުޑަ ކުދިންނަށް ވަޅިފަދަ ތޫނު ހަރިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް މި ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ތޭވީސް މާއްދާގެ މައްޗަށް އެކުލެވިފައިވާ، ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނުނުގައި، ސާދަ ކުށެއް ހިމަނައި އެ ކުށްތަކުގެ އަދަބުގެ ގޮތުގައި، ހަ މަހާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގެ ހުކުމް ވަނީ ކަނޑައަލައިފަ އެވެ. އަދި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނަމެއް ނުވަތަ ޖަމާއަތެއް ނުވަތަ ޖަމިއްޔާއެއް ނުވަތަ ކުޅިވަރު ކުޅޭ ކުލަބެއް، ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން މި ގާނޫނުގެދަށުން މަނާކޮށްފައިވާ އަމަލެއް ނުވަތަ ހަރަކާތެއް ހިންގާކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ އެ ނަމެއް ނުވަތަ އެ ޖަމާއަތެއް ނުވަތަ އެ ޖަމިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކުލަބެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު މިގާނޫނުން ކަމާބެހޭ އިދާރާއަށް ވަނީ ލިބިދީފަ އެވެ. މީގެ އިތުރުން ގޭންގް ހިންގައިގެން ހޯދާ މުދަލާއި ފައިސާ އާއި ތަކެތިކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ އެފަދަ މުދަލާއި ފައިސާ އާއި ތަކެތި މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.