13 Oct 2012, 12:14
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓަކީ ސިއްރު ވޯޓަކަށް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިދިޔަ ބުދަ ދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ އެ މައްސަލަ މަޖިލީހަށް ވެއްދީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ހާމަކަން ބޮޑުގޮތެއްގައި ނެގުމަކީ އޭނާ ގަބޫލުކުރައްވާ ހަމަޖެހޭ އުސޫލަކަށް ނުވާތީ ކަމަށެވެ. އަދި އެ އިސްލާހަށް އެހެން މެންބަރުންވެސް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެ އިސްލާހު އެގޮތަށް ހުށަހެޅުއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ 25 މެންބަރަކު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަޖިލީހަށް ވައްދައިފަ އެވެ.
ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގައިވެ އެވެ. އެއީ 52 މެމްބަރުންނެވެ. މިހާރު އޮންނަ އުސޫލުގެ ދަށުން އެ ވޯޓު ނަގާނީ އާންމުކޮށް ވެސް މަޖިލީހުގައި ވޯޓަށް އަހާ އުސޫލުން ހާމަކޮށެވެ. މިނިސްޓަރުންނާއި އެހެންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހެނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އެ ތަފްސީލްތައް މަޖިލީހުގެ ވެބް ސައިޓުގައިވެސް ޝާއިއުކުރެ އެވެ.