ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ތިންވަނަ ސެމީގައި މާޒިޔާ އަތުން 3-2 ލަނޑުން މޮޅުވެ، މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ވިކްޓަރީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި މާޒިޔާއިން މެޗުގެ ލީޑް ނެގިއެވެ. އެލަނޑަކީ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމައިރުއެވެ. އަދި ރޭގެ މެޗުގައި ވިކްޓަރީއަށް ލީޑް ނަގައި ދިން ލަނޑު މެޗުގެ ދެ ވަނަހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އުމައިރުއެވެ.
އުމައިރުގެ ލަނޑުން މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ވިކްޓަރީ ލީޑް ނެގިއެއްކަމަކު، މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާޒިޔާއަށް މެޗުގެ ނަތީޖާ 2-2 ލަނޑަށް ހަމަކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
ނަމަވެސް ރޭގެ މެޗުގައި މާޒިޔާ އަތުން ވިކްޓަރީ މޮޅުވި ލަނޑު ދެ ވަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަކުރަމް އަބްދުލް ގަނީއެވެ.
މުބާރާތުގެ ފައިނަލުގައި ވިކްޓަރީ ބައްދަލުކުރާނީ ފުރަތަމަ ސެމީ ފައިނަލުގައި ވިކްޓަރީ އަތުން މޮޅުވި ނިއު ރޭޑިއަންޓާ އެވެ. މިމެޗް ކުޅޭނީ އަންނަ ހޯމަ ދުވަހުގެރޭ 9:00 ޖަހާއިރު އެވެ.
ރޭގެ މެޗަށް ފަހު ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނީ، ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މުބާރާތުގެ ފައިނަލަށް ޓީމް ދަތުރު ކުރިއިރު، ފައިނަލްގައި ނިއުއާ ދެކޮޅަށް ނިކުންނާނީ ހިތް ވަރާއެކު ކަމަށެވެ. އަދި އެމެޗަށް ނިކުންނައިރު އެންމެ ފަހުން ކުޅުނު 13 ގައުމީ ފައިނަލުގެ ތެރެއިން 12 ވަނަ ފައިނަލަށް ވިކްޓަރީ ދިއުމުން ހުރިހާ ކަމެއް ހާސިލްވީ ކަމަށެވެ. އަދި ފައިނަލް މެޗަށް ވިކްޓަރީން ތައްޔާރު ވާނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.

"ފައިނަލްގައި ނިއުއާ ދެކޮޅަށް ނިކުންނައިރު، ދައްކަން ޖެހޭނީ އެންމެ ފަހުން ދެ ޓީމު ކުޅުނު ފައިނަލްތަކުގެ ވާހަކަ. ފައިނަލް މެޗަށް ނިކުންނައިރު ތަފާތު ހިސާބުތަކަށް އެބަބަލަންޖެހޭ. ބަލަންވީ ފައިނަލެއްގައި އެންމެ ފަހުން ވިކްޓަރީ އަތުން ނިއު މޮޅުވީ ކޮންއިރަކުތޯ. ވެސް އެބަ ބަލަންޖެހޭ. އެންމެ ފަހު ދެ ފަހަރު ވެސް ނިއުވާނީ ބަލިވެފަ. އެހެންވެ ތިން ބަލިވާން އެ ދަނީ،. އަހަރުމެން އެމެޗަށް ނިކުންނާނީ ހިތް ވަރާއެކު. އެކަންކަން ހަދާން ބަހައްޓާގަން" ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ޓީމް ދެއްކި ކުޅުމާ މެދު ޖުމްލަކޮށް ހިތް ހަމަޖެހޭ އިރު، ބައެއް ކަހަލަ މިސްޓޭކްތައް ވެސް ކުޅުންތެރިންނަށް ހެދިގެން ދިޔަތަން ރޭ ފެނުނު ކަމަށެވެ.

"މެޗުން ބަލިވީ ގޯސްތަކެއް ހެދިގެން. ނަތީޖާ ނެރެން ފުރުސަތު ލިބި ބޭކާރުވީ. ޓީމުގެ ކުޅުމާ މެދު ވަރަށް ހިތް ހަމަޖެހޭ" އިންމަ ބުންޏެވެ.