13 Oct 2012, 11:32
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ޖުޑީޝަރީން ބުނެފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ނަޝީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުނު ދުވަހު ކަމަށެވެ.
"ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނު ދުވަހު ޕާސްޕޯޓު ހިފެހެއްޓުމަށް ވެސް އަމުރުކޮށްފައި ވަނީ،" ލަތީފާ ވިދާޅުވި އެވެ.
ނަޝީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިޔުމަށް ވެސް ހުޅުމާލޭ ކޯޓުން އޭނާއަށް އެންގި އެވެ. ނަމަވެސް ކޯޓުގެ އެ އެންގުމަށް ގޮންޖައްސަވައި ނަޝީދު ވަނީ އަތޮޅު ތެރެއަށް ކެންޕޭން ދަތުރުފުޅެއްގައި ފުރައިވަޑައިގެންފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.
ނަޝީދުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރެ ސިފައިން މެދުވެރިކޮށް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގ. ގިރިފުށީގައި ބަހައްޓާފައިވާތީ އެވެ.
ނަޝީދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ވެސް ހުށަހަޅާފަ އެވެ.
ނަޝީދުގެ ޝަރީއަތް ދެން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ހުޅުމާލޭ ކޯޓުން ބުންޏެވެ.