އީދު ބަންދުގެ ކުރިން ޖިނާއީ އިޖުރާއަތުގެ ބިލު ދިރާސާ ކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސާ މަނިކު މިއަދު ވިދާޅުވީ އީދު ބަންދުގެ ކުރިން އެ ބިލްގެ މަސައްކަތް ނިންމުމަށް މާދަމާ މަސައްކަތް ފަށާނެ ކަމަށާއި އެގޮތުން އެ ބިލްގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ފަސް ދުވަހަށް ބަހާލައިގެން ކަމަށެވެ.

މާދަމާ މަސައްކަތް ފަށާއިރު ބުރާސްފަތި ދުވަހާއި ހަމަޔަށް ކޮންމެ ދުވަހަކު ވެސް މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމަޔަށް އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި ބިލް ދިރާސާ ކުރުމުގައި ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތައް ބައިވެރިކުރާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އެގޮތުން ބިލް ދިރާސާ ކުރާއިރު ދަށު ކޯޓުތަކާއި ހައިކޯޓާއި ސުޕްރީމް ކޯޓުން ކުރެ ކޮންމެ ކޯޓަކުން މައުލޫމާތު ދެއްވާނެ ބޭފުޅެއްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ބަންޑާރަ ނާއިބްގެ އޮފީހާއި ފުލުހުންގެ ފަރާތުން ވެސް އެބިލް އެކުލަވާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭފުޅަކު ބައިވެރިކުރާގޮތަށް ހަމަޖައްސާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

"އެ ހުރިހާ ފަރާތަކުން ބޭފުޅުން ވަޑައިގެން ބިލު ދިރާސާ ކުރުމުގެ މަސައްކަތް މިފައްޓަނީ. ފަސް ދުވަހަށް ބަހާލައިގެން ދެ ދަންފަޅިއަށް. މެންދުރުފަހު 2:00 އިން ފަށާގޮތަށް ގޮސް ރޭގަނޑު 11:00 އަށް ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމާލަނީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އީދު ބަންދު އަންނަންވާއިރަށް މަސައްކަތް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާލެވޭނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން ވެސް އެ ބިލްދިރާސާ ކުރުމުގައި ބައިވެރިކުރުމަށް މިހާރު ނިންމާފައިވާކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ނިމިދިޔަ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ބިލްގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުގެ ދައުރު ހަމަވިއިރު ބިލުގެ މަސައްކަތް ނިންމާލެވިފައި ނުވާތީ ސަރުކާރުން ވަނީ ބިލް އަނބުރާ ގެންގޮސްފަ އެވެ.