ފިރިހެން ކުދީންނެކޭ އެއްފަދައިން އަންހެން ކުދީންނަށް ވެސް ތައުލީމު ލިބޭން ޖެހޭނެ ކަމަށް ވަކާލާތު ކުރާ، އުމުރުން ސާދަ އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވާ މަލާލާ ޔޫސުފްޒައީއަށް ޕާކިސްތާނުގެ ތާލިބާނުން ހަމަލަ ދީފި އެވެ. ސުވާތު ވާދީގެ މިންގޯރާއަށް އުފަން މަލާލާ ޔޫސުފްޒައީއަށް ތާލިބާނުން ހަމަލަ ދިނީ ސްކޫލު ނިންމައިފައި ބަހުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

މަލާލާއަށް ދިން ހަމަލައިގެ ހުރިހާ އިރުޝާދެއް ދީފައި ވަނީ ޕާކިސްތާނުގެ ތާލިބާނުންގެ އެންމެ އިސް އެއް ކޮމާންޑަރު ކަމަށް ވާ މައުލާނާ ފަޟްލުﷲ ޕާކިސްތާނުގެ މީޑިއާއިން ބުނެ އެވެ. ތާލިބާން ޖަމާއަތުން މަލާލާއަށް ހަމަލަ ދީފައި މި ވަނީ އަންހެން ކުދީންނަށް ތައުލީމު ދިނުން މަނާ ކުރާން ތާލިބާނުން ހިންގަމުން ގެންދާ ހަރަކާތްތަކާ ދެކޮޅަށް މަލާލާ ވަކާލާތު ކުރަމުން ދަނިކޮށެވެ.

މަލާލާގެ ވާހަކަ ފެށިފައި ވަނީ ތާލިބާނުންގެ ކޮމާންޑަރު މައުލާނާ ފަޟްލުﷲގެ ބާރުގެ ދަށަށް 2009 ވަނަ އަހަރު، ސުވާތު ވާދީ ދިއުމަށް ފަހު، ސުވާތު ވާދީގައި އަންހެން ކުދީންނަށް ތައުލީމު ދޭ އިސްކޫލުތަކާއި މަދަރުސާތައް ބަންދު ކުރުމަށް ފަޟްލުﷲ އެންގި ހިސާބުންނެވެ. އޭރު މަލާލާއަކީ އުމުރުން އެންމެ 11 އަހަރުގެ ކުއްޖެކެވެ. އަންހެން ކުދީންނަށް ތައުލީމު ދިނުން މަނާ ކުރާން ތާލިބާނުން ހިންގަމުން ގެންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ބްލޮގެއްގައި ތާލިބާނުންގެ މި އަމަލާ ދެކޮޅަށް ގަލަމީ ނަމެއްގެ ފަރުދާގައި ވާހަކަތައް ލިޔާން މި ހިސާބުން މަލާލާ ފެށި އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ، އަންހެންކުދީންނަށް ތައުލީމު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ފާޅުގައި ވަކާލާތު ކުރާން ފެށި އެވެ. މީގެ ސަބަބުން ޕާކިސްތާނުގައި މަދަނީންނަށް ދެވޭ އެންމެ މަތީ ޝަރަފު މަލާލާއަށް ލިބުނެވެ. ހަމަ އެހެންމެ ތާލިބާނުންގެ ފަރާތުން މަރުގެ އިންޒާރުތައް ވެސް ލިބޭން ފެށި އެވެ.

މަލާލާގެ މަސައްކަތަކީ ކިހައި ނުރައްކާތެރި ކަމެއް ކަން އޭނާއަށް އޮޅިފައެއް ނެތެވެ. އޭނާގެ ގޭގެ ދޮރު ދަށުން ގޭތެރެއަށް ތާލިބާނުން ފޮނުވާ ކަރުދާސްތަކުގައި އޭނާއަށް މަރުގެ އިންޒާރުތައް ދީފައި ވެ އެވެ. އަދި ތާލިބާނުން ދިޔައީ މަރައިލެވިފައިވާ މީހުންގެ ހަށިގަނޑުތައް އޭނާ ބިރު ގެންނެވުމުގެ ގޮތުން އޭނާގެ ގޭގެ ކުރިމަތީގައި ބެހެއްޓުން ފަދަ ކަންކަން ވެސް ކުރަމުންނެވެ. ތާލިބާނުންގެ ބިރު ދެއްކުންތަކާއި ބިރު ގެންނެވުމުގެ މިފަދަ ހަރަކާތްތަކުން ވެސް މަލާލާގެ ހިތްވަރަކަށް ބަދަލެއް ނައެވެ. ތާލިބާނުން ބުނާ ގޮތުގައި އަންހެނަކު މެރުމަކީ އެމީހުން މާ ކުރާ ހިތް ވާ ކަމެއް ކަމުގައި ނުތްވަސް، މަލާލާގެ ބޯ ހަރުކަމުން އެމީހުންނަށް އޭނާ މަރައިލާން ހަމަލަ ދޭން މަޖުބޫރު ވީއެވެ.

"އަހަރެމެން ކޮންމެހެން ބޭނުމެއް ނޫން އޭނާ (މަލާލާ) މަރައިލާކަށް. އެހެން ނަމަވެސް އަހަރެމެންނާ ދެކޮޅަށް ވާހަކަ ދެއްކުން އޭނާ ހުއްޓައި ނުލުމުން މި ގޮތަށް އަމަލު ކުރާން އަހަރެމެންނަށް މަޖުބޫރު ވީ،" މިހާރު އަފްޣާނިސްތާނުގެ ކުނަރު ސޫބާގައި ދިރިއުޅެމުންދާ އަދި ޕާކިސްތާނުގެ ތާލިބާނުންގެ ތަރުޖަމާނެއް ކަމަށް ވާ ސިރާޖުއްދީން އަޙްމަދު ބުންޏެވެ. އޭނާ ބުނާ ގޮތުގައި މީގެ ދެ ތިން މަސް ކުރީން މަލާލާގެ މައްސަލައިގައި ތާލިބާނުން ބައްދަލުވުމެއް ބޭއްވި އެވެ. މި ބައްދަލުވުމުގައި ބައިވެރި ވި ކޮމާންޑަރުންގެ އިއްތިފާގުން މަލާލާ މަރައިލުމަށް ފާސްވުމުން އެ މަސައްކަތް ޚާއްޞަ ކޮމާންޑަރަކާ ހަވާލު ކޮށްގެން ގެންދިޔައީ އެވެ.

"މި މަސައްކަތް ހަވާލު ކުރެވުނު (ތާލިބާން) ދެ މެންބަރުން މި ހަމަލައިގެ ކުރީން ވަނީ އެ އަންހެން ކުއްޖާއާ (މަލާލާއާ) ބެހޭ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފައި. އެމީހުން އޭނާ އިސްކޫލަށް ދާ މަގާއި، އޭނާގެ ސަލާމަތީ ކަންކަން ރޭވިފައި އޮންނަނީ ކިހިނެއް ކަން ރަނގަޅަށް ހޯދި." ތާލިބާނުންގެ ތަރުޖަމާނު ސިރާޖުއްދީން ބުންޏެވެ. ސިރާޖުއްދީނާ ހަވާލާ ދީ ޕާކިސްތާނުގެ މީޑިޔާއިން ބުނާ ގޮތުގައި ތާލިބާނުން ބޭނުން ވީ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ހަމަލަ ދޭށެވެ. އޭގެ ބޭނުމަކީ ކޮންމެ ފަދަ ތަނެއްގައި ވެސް އެމީހުން ބޭނުން މީހަކަށް ހަމަލަ ދެވިދާނެކަން ދައްކަންށެވެ.

މިދިޔަ އަންގާރަ ދުވަހު އިސްކޫލުން ނިމިގެން ބަހުގައި މަލާލާ ގެޔަށް ދަނިކޮށް އެ ބަސް ތާލިބާނުން ހުއްޓުވިއެވެ. އަދި މަލާލާ ޔޫސުފްޒައީއަށް ބަޑިން ހަމަލަ ދިނެވެ. އަދި ބަހުގައި ތިބި އެހެން ދެ ކުއްޖަކަށް ވެސް ހަމަލަ ދިނެވެ. މަލާލާއަށް ދިން ހަމަލަ އަމާޒުވެފައި ވަނީ އޭނާގެ ބޮލަށާއި ކަރަށެވެ. މި ހަމަލަ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕާކިސްތާނު ސިފައިން ވަނީ ޕިޝާވަރުގެ ހަސްފަތާލަކަށް މަލާލާ ގެންގޮސްފައެވެ. އަދި މިހާރު އޭނާ ވަނީ ރާވަލްޕިންޑީގައި ހުންނަ އަސްކަރީ ހަސްފަތާލަކަށް ބަދަލުކުރެވިފަ އެވެ.

ސުވާތުގެ އިސްކޫލު ކުދީންނާއި ޕާކިސްތާނުގެ އެކި ހިސާބުތަކުގެ މީހުންގެ އިތުރުން އެ ގައުމުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ވެސް ދަނީ މަލާލާއަށް އަވަސް ޝިފާއެއް ލިބުން އެދި ދުއާ ކުރަމުންނެވެ. މަލާލާގެ އިސްކޫލުގެ ޕްރިންސިޕަލް އަދި މަލާލާގެ ބައްޕަ ޒިޔާއުއްދީން ޔޫސުފްޒައީ ވަނީ ތާލިބާނުން އޭނާގެ އަންހެން ދަރިފުޅަށް ދިން މި ހަމަލާގެ ސަބަބުން ބިރު ނުގަންނަ ކަމަށާއި ތައުލީމު ފަތުރާން ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ މަލާލާގެ ބޭސް ފަރުވާގެ ހުރިހައި ކަމެއް ހަމަޖައްސާނީ ސަރުކާރުން ކަމަށް ބުނެފައެވެ. އަދި މަލާލާއަށް ހަމަލަ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެފަ އެވެ.