މިސްކިތު ފަންޑުން ލިބުނު ފައިސާގެ ތަފްސީލުތައް އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިސްކިތު ފަންޑުގެ ތަފްސީލުތައް މަޖިލީހަށް ފޮނުވަން ޖެހުނީ އެ ފަންޑަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން އޮތް އަދި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ކުރެވޭ ކަމަކަށް ވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް މިސްކިތު ފަންޑުގެ ތަފްސީލުތައް ފޮނުވަން ޖެހުނީ ފަންޑަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން އޮތްކަމެއް. ރައްޔިތުން އަތުން ފައިސާ ނަގައިގެން ކުރާ ކަމަކަށް ވާތީ މިކަންތައްތަކުގެ ތަފްސީލު މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގެންފައި އޮތުމަކީ މުހިންމުކަމެއްކަމަށް ގަބޫލުކުރެވޭތީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިސްކިތު ފަންޑަށް ލިބިފައިވާ 15 މިލިއަން ރުފިޔާ ޚަރަދު ކުރިގޮތާއި ބާކީ ހުރި ފައިސާގެ ހުރިހާ ތަފްސީލެއް މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ކަމާބެހޭ ކޮމެޓީއަށް މައުލޫމާތު ފޮނުވުމުގެ އިތުރަށް މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް އެ މައުލޫމާތުތައް ހިއްސާކޮށް ދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަންޑަށް ލިބިފައިވާ 15 މިލިޔަން ރުފިޔާގެ ތެރެއިން ހަތް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވަނީ މިސްކިތްތަކުގެ މަރާމާތަށެވެ. މިސްކިތްތަށް މަރާމާތު ކުރުމަށް ޖުމްލަ 7.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދު ކޮށްފައިވަނީ އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށެވެ. އެގޮތުން އެކަމަށް 879،602ރ. ވަނީ ހަރަދުކޮށްފަ އެވެ.

މިސްކިތްތަކުގެ ފަންޑުން ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ބ. އަތޮޅުގެ މިސްކިތްތައް މަރާމާތު ކުރުމަށް ކަމަށްވާއިރު އެކަމަށް 690،688.99ރ ވަނީ ހަރަދުކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ހއ. އަތޮޅުގެ މިސްކިތްތައް މަރާމާތު ކުރުމަށެވެ. އެއަތޮޅަށް 668،592.23ރ. ވަނީ ހަރަދުކޮށްފަ އެވެ.

އެފަންޑުން މާލޭގައި ހުރި މިސްކިތްތަކަށް ހަރަދުކޮށްފައިވަނީ ޖުމްލަ 21،147ރ. އެވެ.