13 Oct 2012, 09:29
ވޮޝިންގޓަން (އޮކްޓޯބަރ 13) : ނިއުކްލިޔަރ ހަތިޔާރު ރައްކާތެރިކުރުމަށާއި އެހަތިޔާރު އިތުރަށް ތަރައްޤީ ކުރުމަށް އެެމެރިކާ ބޮޑެތި ޚަރަދުތަކެއް ކުރަމުންގެންދާކަމަށް ބައިނަލްއަޤްްވާމީ ސަލާމަތާބެހޭ އިންސްޓިޓިއުޓް އަކުން ބުނެފި އެވެ.
"ބްލޮވްޗާޒް ފަންޑް" ގެ ނަމުން ނަން ދެވިފައިވާ ބައިނަލްއަޤްްވާމީ ސަލާމަތާބެހޭ އިންސްޓިޓިއުޓްއިން ތައްޔާރުކޮށް ނެރެފައިވާ ދިރާސާ ރިޕޯޓެއް ބުނާގޮތުން ނިއުކްލިޔާ ހަތިޔާރު ރައްކާތެރި ކުރުމަށާއި އެ ހަތިޔާރު އިތުރަށް ތަރައްޤީ ކުރުމަށް ކުރިޔަށްއޮތް 10 އަހަރު ތެރޭގައި 640 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް އެެމެރިކާވަނީ ޕްލޭންކޮށްފަ އެވެ. މިރިޕޯޓް ބުނާގޮތުން އެމެރިކާއިން އަހަރަކު ގާތްގަނޑަކަށް 56 ބިލިޔަން ޑޮލަރު ގެ ރޭޓުން ނިއުކްލިޔާ ހަތިޔާރު ރައްކާތެރި ކުރުމަށާއި އެހަތިޔާރު އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުުރުމަށް ފާއިތުވި އަހަރުތަކުގައި ޚަރަދުކުރަމުން ގެންގޮސްފައިވެ އެވެ.
މިކަމުގެ ސަބަބުން ރަޝިޔާ ފިޔަވައި ނިއުކްލިޔާ ރޮނގުގައި އެމެރިކާއަށް ގޮންޖަހާލެވޭވަރުގެ އެއްވެސް ބާރެއް ދުނިޔޭގައި ނުވާކަމަަށާ އެމެރިކާ އާއި ރަޝިޔާގެ ނިއުކްލިޔާ ހަތިޔާރުގެ ފުނިވަރުތަކާ އަޅާ ބަލާއިރު އެހެން ނިއުކްލިޔާ ބާރުތަކަކީ ވަރަށް ކުޑަ ބާރުތަކެއް ކަމަށް މިރިޕޯޓް ބުނެ އެވެ. މިރިޕޯޓް ބުނާގޮތުން ނިއުކްލިޔާ ހަތިޔާރަކީ އެމެރިކާގެ ދިފާޢުގެ ބޮޑު ބައެއްގެ ގޮތުގައި އެމެރިކާ ދެކޭދެކުމަށް އަދިވެސް ބަދަލެއް ނާދެ އެވެ.
ނިއުކްލިޔަ ހަތިޔާރުން ޙަަމަލާ ދިނުމަށް އެމެރިކާ 1961 ގައި އުފައްދާފައިވާ ބީ ފިފްޓީ ޓޫ މަރުކާގެ މަތިންދާ ބޯޓުތަކަށް 50 އަހަރުވެގެން ގޮސްފައިވާއިރުވެސް މިބޯޓުތައް މިހާރުވެސް ފެންނަނީ ވަރަށް ޒަމާނީ އަދި އައު ބޯޓުތަކެއްގެ ގޮތުގައިކަން ފާހަގަކޮށްފައިވެ އެވެ. މިއީ މިބޯޓުތައް އައު ކުރުމަށާއި މަރާމާތުކޮށް ބެލެހެއްޓުމަށް އެމެރިކާ ކުރާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ކަމަށް މިރިޕޯޓް ބުނެ އެވެ. (ޓައިމް މަޖައްލާ)