ރޯ ޓޮމޯޓޯ އަކީ ލިކޮބިން ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓް އެއް ހުންނަ ތަރުކާރީއެއް ކަމަށާއި ރޯ ޓޮމޯޓޯ ކާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެމެރިކާގައި ވަރަށް ފަހުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެމެރިކާގައި ނެރޭ ޢިލްމީ މަަޖައްލާއެއް ކަމަށްވާ "ނިއުރޮލޮޖީ" ގައި ޝާއިޢުކޮށްފައިވަ ދިރާސާއެއް ބުނާގޮތުން ލޭގައި ލިކޮބިން ހުންނަ މިންވަރު މަތިވުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. މިގޮތުން މިމާއްދާ ލޭގައި ގިނަ ނަމަ ސްޓްރޯކް ޖެހުމުގެ ފުރްސަތު 55 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށާއި މި މާއްދާ މަދުނަމަ ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ.

ސާމްޕަލެއްގެ ގޮތުގައި 258 މީހުން ނަގައިގެން އެމީހުންގެ ލޭގައި ލިކޮބިން ހުންނަ މިންވަރު 12 އަހަރު ވަންދެން ބަލައި މޮނިޓާ ކުރުމަށްފަހު އެކުލަވާލާފައިވާ މި ދިރާސާ ބުނަނީ މީގެތެރެއިން ސްޓްރޯކް ޖެހުނީ 67 މީހުންނަށް ކަމަށާއި އެއީ މި 258 މީހުންގެ ތެރޭގައި ހިމެނޭ މި މާއްދާ އެންމެ މަދު މީހުން ކަމަށެވެ.

އެންޓިއޮކްސިޑެންޓް ގެ ގޮތުގައި ސިފަކުރާ އެހެން މާއްދާތައްވެސް ހުރެ އެވެ. މީގެ ތެރޭގައި އަލްފާ ކެރްޓީން، ބީޓާ ކެރްޓީން އަލްފާ ޓެކްފެރޯލް ފަދަ މާއްދާތައް ހިމެނެ އެވެ. ނަމަވެސް މިއިން އެއްވެސް އެންޓިއޮކްސިޑެންޓަކުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަން މިހާތަނަށް ދިރާސާއަކުން ހާމަވެފައެއް ނުވެ އެވެ.