20:16


ސަންއެފްއެމުން ރޯދަ މަހު ގެނެސްދިން ދީނީ ކުއިޒް މުބާރާތުން އެއްވަނަ ހޯދައިގެން ޓެކްސީ ޑްރައިވަރަކު އުމްރާ ދަތުރެއް ހޯދައިފި އެވެ.


ރޯދަމަހު 29 ދުވަހު، ދުވާލަކު ތިން ސުވާލުގެ މަގުން 87 ސުވާލު ފޮނުވުމުން، ތ. ގުރައިދޫ، ޗާންދަނީގޭ އުމުރުން 32 އަހަރުގެ އަޒުމް އަހްމަދު ދީދީ އެއް ވަނަ ހޯދައިފައި ވަނީ 25 ދުވަހުގެ 75 ސުވާލު ރަނގަޅުކޮށްގެން ނެވެ. އޭނާއާ އެންމެ ވާދަކުރީ 22 ދުވަހު ތިން ސުވާލު ރަނގަޅުކުރި ފަރާތެކެވެ.


ދީނީ ކުއިޒް މުބާރާތުން އެއްވަނަ ހޯދައިގެން އުމްރާ ދަތުރު ލިބުމުން އުފާކުރަމުންދާ އަޒުމް ބުނީ ކާމިޔާބުކުރުމުގެ ނިޔަތުގައި ބައިވެރިވެއްޖެ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ.


ތަފާތު ހެއްވާ މަޖާ ގޭމްތަކާއި މުނިފޫހިފިލުވައިދިނުމުގެ އެކި ރަހަތައް ހިމަނައިގެން ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފެށިގެން ދޮޅު ގަޑިއިރަށް ކުރިއަށްގެންދިޔަ ފިނިއަށި ޝޯގެ އެއް ވަނަ ބައިވެރިޔާ ވެސް މިއަދު ވަނީ ހޮވައިފަ އެވެ. ފަސް ހާސް ރުފިޔާ ލިބޭ މި މަގާމަށް ހޮވުނީ ކ.ތުލުސްދޫ، ޔެލޯ ރޯސް، އައިޝަތު ސީމާ އެވެ.


ތުލުސްދޫ ކޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 32 އަހަރުގެ ސީމާ އެއް ވަނަ ހޯދީ، ފައިނަލްގައި ވާދަކޮށް ގަދަ ހިފުމަކަށް ގޮސްގެން ތިން ބައިވެރިންނާއެކު ދޫފުރޮޅި ކިޔައިގެންނެވެ. ކުރި ހޯދައިގެންނެވެ. ސީމާ ބުނިގޮތުގައި، އެއް ވަނަ ލިބުމުން އޭނާ ވަރަށް އުފާވި އެވެ. އަދި އެއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް ފިނިއަށި އަންނަ ގަޑިއަށް ގޭތެރޭގެ މަސައްކަތްތައް ނިންމާ، ޝޯ އަށް ތައްޔާރުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެއްވަނަ ލިބުނީ އާއިލާ އާއި ރަހްމަތްތެރިންގެ އެއްބާރުލުމާއެކުކަން ވެސް އޭނާ ފާހަގަކުރި އެވެ.


ސަންއެފްއެމް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުނިގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފިނިއަށި ޝޯ އަށް ލިބުނު ތަރުހީބު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ. އެގޮތުން ޝޯގެ ބައިތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ އަޑާއި، ދުވަހުގެ އަރަތުގެ އިތުރުން ޕްރޮގްރާމަށް ފޮނުވި އެކިއެކި އެސްއެމްއެސްތަކުގެ އަދަދު ވެސް ވަރަށް މަތި ކަމަށް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުންޏެވެ. އެހެންކަމުން ޝޯ އަށް ލިބުނު ކާމިޔާބީ އަށް ބަލައި، އަންނަ އަހަރުވެސް އަގުހުރި އިނާމްތަކަކާއެކު ފިނިއަށި ކުރިއަށް ގެންދިއުމަށް ޕްރޮގްރާމް ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ.