މާފުށިން: އިސްމާއީލް ޝާކިރު

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ބޭސްފަރުވާ އަށް މާލެ ގެންނަން ޖެހުމަކީ އެކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި އަދި ވަރަށް ނުރައްކާތެރި ވެސް ކަމެއް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސެއިން ވިދާޅު ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން މާފުށީ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރި އެކްސްޓެންޝަން(އިމާރާތް) ހުޅުވައި ދެއްވުމަށް ފަހު މިއަދު ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއާޕާސަން ލުބުނާ ވިދާޅުވީ މާފުށީ ޖަލުން ފަރުވާ ދެވެން ނެތް ގައިދީން ފޮނުވަން ޖެހެނީ މަލޭގެ ކޮންމެވެސް ހޮސްޕިޓަލަކަށް ކަމަށާއި އެކަމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމަށާއި ނަމަވެސް މިއަދު ހުޅުވި އެކްސްޓެންޝަންގެ ސަބަބުން ސަރުކާރުން އެކަމަށް ކުރާ ހޭދައިގެ ވަރަށް ބޮޑު ބައެއް ކުޑަވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އެކްޓެންޝަންގެ މަސައްކަތް ފުރިހަމަ އަށް ހިނގައިގަތުމުން ގައިދީން މާލެ ގެނައުމުގެ ބަދަލުގައި ދެން ފަރުވާ ދެވޭނީ މާފުށީގައި ބައިތިއްބައިގެން ކަމަށެވެ.

"ގައިދީންގެ ތެރޭގައި އެބަތިބި ހައި ޕްރޮފައިލް މީހުން ވެސް. އެކަލަ މީހުން މާލެ ގެންދިއުމަކީ ވަރަށް ނުރައްކާތެރިކަމެއް. އެކަމަކު މާލެ ގެންދަން ވެސް ޖެހޭ. ޖަލުގައި ގިނަ ފަރުވާތަކެއް ދެވޭކަށް ނުހުރޭ. ދެން މި ހުޅުވުނު އެކްސްޓެންޝަންގެ ސަބަބުން ގައިދީން މާލެ ގެންދާ ނިސްބަތް ވަރަށް ބޮޑަށް ދައްކުރެވޭނެ. އެމީހުން ގެންދަން ޖެހެނީ ވެސް ހައިސެކިއުރިޓީ ދީގެން. އެހެންވީމާ އެފަދަ ނުރައްކާތެރި ބަޔަކު މާލެ ގެންދިއުމަކީ އެހާ ރައްކާތެރި ކަމެއް ނޫން،" ލުބުނާ ވިދާޅުވި އެވެ.

މާފުށީގައި ހުންނަ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރި އެކްސްޓެންޝަންގައި ކުރިން އެތަނުން ލިބެން ނެތް ޚިދުމަތްތައް ކަމަށްވާ އެކްސްރޭ ނެގުމާއި ދަތުގެ ފަރުވާ ލިބެން ހުރެ އެވެ. އަދި ގައިދީންގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް ވެސް ފަރުވާ ކުރެވޭނެ ފުރުސަތު އޮންނާނެ ކަމަށް ލުބުނާ ވިދާޅުވި އެވެ.

މާފުށީ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރި އެކްސްޓެންޝަން އަކީ ލީބިއަން ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި 2011 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް އެ ދުވަސްވަރު ލީބިއާގެ އެތެރޭގައި އުފެދުނު ދާޚިލީ މައްސަލަތަކަކާ ގުޅިގެން މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލީ ހެލްތު މިނިސްޓްރީގެ ބަޖެޓްރީ ޕްރޮގްރާމް ކުރުމަށް ފަހު އެ ބަޖެޓްގެ ތެރެއިން ނެވެ.

އެ އެކްސްޓެންޝަންގައި ޖަލުގައި ތިބޭ ކުށްވެރިންނަށް ވަކިން ޚާއްސަ ކޮންސަލްޓޭޝަން ވޯޑެއް ގާއިމު ކޮށްފައި ހުރެ އެވެ. އޭގެ އިތުރުން ގާޑް ޕޯސްޓަކާއި ނަރުހުންގެ ޖަގަހަ އެއްވެސް ހުރެ އެވެ.