12 Oct 2012, 23:01
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ 24 މިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
ޑީއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މުވައްޒަފުންނާ ގުޅޭ މުއައްސަސާތަކުގައި އެދޭނެ ކަމަށެވެ. މީގެ އިތުރުން އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝާނާއި ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ނެރުނު ބަޔާނުގައި ވެއެވެ.
"މިކަންކަން ހިނގާފައިވާ ގޮތް އިތުރަށް ބެލުމަށާއި މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާނެ ވާހަކަ ވެސް ދަންނަވަމެވެ،" ޑީއެމްސީ ގެ ބަޔާނުގައިވެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްްވައި ބުރާސްފަތި ދުވަހު ނެރުއްވާފައިވާ، ޑިޒާސްޓާ މެނޭޖްމަންޓްގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ބިލްތަކަށް ފައިސާ ދޫކުރުމުގައި އެއްވެސް ބެލުމެއް ނެތި އެ ބިލްތަކަކީ ހަގީގަތުގައި ވެސް ފައިސާ ދައްކަން ޖެހޭ ސައްހަ ބިލްތަކެއްތޯ ޔަގީންނުކޮށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައި ވަނީ އޭރު އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އޮފް ސްޓޭޓް އަބްދުﷲ ޝާހިދާއި ޑިރެކްޓަރު ޖެނެރަލް އަދި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށެވެ.
"ފައިސާ ދޫކުރުމުގައި އެ ބޭފުޅުން ވަރަށް ބޮޑަށް އިހުމާލުވެ، މަގާމުގެ ވާޖިބު އަދާކުރުމުގައި އިންތިހާއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް 24 މިލިއަން ރުފިޔާ ގެއްލުންވެފައި ވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅަން ޖެހެ އެވެ،" ރިޕޯޓުގައިވެ އެވެ.
ޑީއެމްސީގެ ބަޖެޓުން ހިންގި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްގައި، އެ ހިޔާނާތުގެ މުއާމަލާތަކަށް ބެލި އިރު، ދައުލަތުގެ މުހިންމު ދެ މުއައްސަސާއެއްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގެން ހިންގާފައިވާ ހިޔާނަތެއް ކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.
"އެއް އިންވޮއިސްތަކެއް ތަކުރާރުކޮށް އެތައް ފަހަރު ފައިސާ ހޯދުމަށް ހުށަހެޅުމުން ޖުމްލަ 140 އިންވޮއިސް ސިސްޓަމުން ރިޖެކްޓްކުރުމުން ވެސް އިންވޮއިސްތަކުގެ ސައްހަކަމާ މެދު އިތުރަށް ސުވާލު ނުއުފައްދައި ކަމުގެ ހަގީގަތްވެސް ނުބަލައި ފައިސާ ދޫކޮށްފައިވެ އެވެ. އަދި އެ ފައިސާ ފިނޭންސް މިނިސްޓްރީން ދޫކުރަން އެންގި ފަރާތްތަކާއި ހުއްދަ ދިން ބޭފުޅުން މަގާމުގެ ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް ނުވަތަ އިހުމާލުވެފައިވާތީ އެކަން ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަމެވެ،" ރިޕޯޓުގައިވެ އެވެ.
ސައްވީސް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ސުނާމީގައި ގެއްލުން ލިބުނު ގެތައް އަލުން ހެދުމަށާއި މަރާމާތުކުރުމަށް 2005 ވަނަ އަހަރު ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް ރާއްޖޭގައި އެފަދަ ތަކެތި އިމްޕޯޓްކޮށްގެން ވިއްކާ ފަރާތްތައްކަމަށް ބުނެ ބައެއް ފިހާރަތަކުން ވަނީ ގެދޮރު އިމާރާތްލުރުމާ ގުޅޭ ސާމާނުނަގައިފަ އެވެ. އަދި އެ ފަރާތްތަކުން ފޮނުވި ހުރިހާ ބިލްތަކަކަށް ފިނޭންސްގެ ސުނާމީ ރިކަވަރީ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އެލޮކޭޓް ބިޒްނަސް ކޮމްޕެނީ، އަކީ އޭރު ކުންފުނި އެފެދުނުތާ އަހަރެއްވީ ކުންފުންޏަކަށް ވާއިރު އެ ކުންފުންޏަށް ތަކެތި އެތެރެ ކުރުމުގެ ހުއްދަ ނޯންނަކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ދޫކޮށްފައި ހުރި ޕާޗޭސް ފޯމުތަކަށް ޑިޒާސްޓާއަށް ބިލްކޮށްފައި ވަނީ އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގްސްގެ ނަމުގައި ކަމަށެވެ.
"ދެހާސް ފަސް ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކުގެ ފޮޓޯކޮޕީ ބޭނުންކޮށްގެން އެއަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވެ އެވެ. އަދި ފައިސާ ނެގި ފޯމްތަކުގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ ފޯމްތަކަށް އިންވޮއިސް ތައްޔާރުކޮށްގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް 700އަށް ވުރެ ގިނަ އިންވޮއިސް ހުށަހަޅާފައިވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އޮޅުވާލައިގެން ހުށަހަޅާފައިވާ އިންވޮއިސްތަކުގެ އަދަދު 571 އަރާއިރު އިންވޮއިސްތަކުގެ ޖުމްލަ އަގު 24 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ކަމާ ގުޅޭ ލިޔެކިޔުންތަކާއި ތަފްސީލްތަށް ދިނުމަށް އެދުނު ނަމަވެސް އެ ސެންޓަރުން އެ މުއާމަލާތްތަކާ ގުޅޭ އެއްވެސް ލިޔެކިއުމެއް ލިބިފައިނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެ މުއާމަލާތްތަކާ ގުޅޭ ހުރިހާ ލިޔުންތައް އެ ފިނޭންސް މިނިސްޓްރީން ލިބިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
"މި ފައިސާއަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ދައުލަތުގެ މާލިއްޔާއިން ނަގާފައިވާ ފައިސާކަން ފާހަގަކުރެވެ އެވެ،" ރިޕޯޓްގައިވެ އެވެ.
ރިޕޯޓް ނިންމާލައްވަމުން އޮޑީޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ ހިޔާނާތަކީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކޮށްފައިވާ ކަމަކަށް ވުމުން އެކަން އިތުރަށް ބަލައި އެކަމުގައި އިހުމާލުވެ ނޫނީ ވާގިވެރިވި ފަރާތްތަކާ ދެމެދު ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް އަންގާ ކަމަށެވެ.