އައްޑޫ ސިޓީގައި ތިބި ޑީއާރުޕީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އައްޑޫ ސިޓީ އަށް މިއަދު ވަޑައިގެންފި އެވެ.

ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަދި ފިޝަރީޒް މިނިސްޓްރީގެ ނައިބު އަލީ ސޯލިހް ވިދާޅުވީ މިއަދު މެންދުރު ފަހު ތަސްމީނު އައްޑޫ ސިޓީ އަށް ވަޑައިގެން އެ ސިޓީގައި ތިބި ޑީއާރުޕީގެ އިސް މެންބަރުންނާ ވަނީ ބައްދަލު ކުރައްވައިފައި ކަމަށެވެ.

އަލީ ސޯލިހް ވިދާޅުވީ ތަސްމީނާ އެކު ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މިއަދު ވަނީ އައްޑު އަށް ވަޑައިގެންފައި ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫން ބައެއް މެންބަރުން ޑީއާރުޕީއާ އަލުން ގުޅިފައިވާ ކަމަށާއި ފޭދޫގައި ތިބި ޑީއާރުޕީ މެންބަރުންނާ ތަސްމީނު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ މަރަދޫ ކޯޓު ކުރިމަތީގައި ޑީއާރުޕީގެ ބޮޑު ދިދައެއް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިރޭ ޑިއާރުޕީ މެންބަރުންނާ އެކު ބާއްވާ ބައްދަލުވުމެއް އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި އޮންނާނެ ކަމަށެވެ.

"ޑީއާރުޕީގެ ލީޑަރު އައްޑޫ ސިޓީ އަށް ވަޑައިގެންފައި ވަނީ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް ޕާޓީގެ ކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް. މިރޭ އޮންނާނެ މެންބަރުންނާ އެކު ތަސްމީނު ބާއްވަވާ ބައްދަލު ކުރެއްވުމެއް،" އަލީ ސޯލިހް ވިދާޅުވި އެވެ.

ޑީއާރުޕީ މެންބަރުންގެ ދަތުރު ނިންމާލެއްވުމަށް ފަހު މާދަމާ ރޭ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. ޑީއާރުޕީއާ އެންމެ އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ދެކުނަށް ކުރަން ފަށާފައިވާ ދަތުރުގައި މިރޭ އެޕާޓީން ވެސް ތިބީ އައްޑޫގަ އެވެ.