ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުމަށާއި ކައުންޓާފީޓްއާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި ކުޑަކުދިން ހޭލުންތެރިކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެން ދިޔަ އާޓް ކޮމްޕެޓިޝަނުގެ ނަތީޖާ ފާޅުކޮށްފި އެވެ.

މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާއެއްގައި ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ.

އުމުރުން 12 އަހަރުގެ ކުދިނަށް ހުޅުވާލައިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުން އެ މަހުގެ 30 ނިޔަލަށް ކުރިއަށްގެން ދިޔަ އެ މުބާރާތުން އެއް ވަނަ ހާސިލްކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރު މަރިޔަމް އިބްހާ އަލީ އެވެ. އަދި ދެ ވަނަ ބިލަބޮންގް ހައި އިންޓާނޭޝަނަލް ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރު ކާމިލާ ލަތީފާ އަޔާޒް ޝަރީފު ހޯދި އިރު ތިން ވަނަ ހޯދީ ކަލާފާނު ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރު އައިޝަތު ޔުމްނު ނިޔާޒް އެވެ. އަދި އެ ހަފްލާގައި ވަނީ އިތުރު ކުރެހުންތަކަށާއި ބައިވެރިވި ކުދިނަށް ވެސް ސެޓްފިކެޓް ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ ޓްރޭޑް މާކަކީ ކޮންސިއުމާ ސޮސައިޓީގެ ވަރަށް މުހިންމު އެއް ނިޝާން ކަމަށާއި ޓްރޭޑް މާކަކީ އެ ޕްރޮޑެކްޓަކާ ބެހޭ މުހިންމު މައުލޫމާތްތަކެއް ފޯރުކޮށްދޭ އެއްޗެއް ކަމަށެވެ.

"ފިކުރީ މުދަލުގެ ވައްކަން ކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް. މިކަމުގެ ސީރިއަސްކަން އަޅުގަނޑުމެނަށް މިއިނގެނީ ހާއްސަގޮތެއްގައި ސިއްހީ ދާއިރާގެ މުދާތަކަށް ނުވަތަ ހިދުމަތްތަކަށް ވިސްނާލައިގެން، އެގޮތުން ސިއްހީ ގޮތުން ބޭނުންވާ ތަކެތީގެ ކޮލެޓީއަށް ވުރެ ދަށް އެއްޗަކަށް ވިއްޔާ އެހިދުމަތް ފޯރުކޮށްދޭ ފަރާތަށް ވަރަށްބޮޑު އިހުމާލެއް އެބަވޭ. އަދި ހިދުމަތް ހޯދާ ފަރާތަށް ވަރަށް ބޮޑު ގެއްލުންތަކެއްވޭ،" ޑރ. އާސިމް ވިދާޅުވި އެވެ.

ޓްރޭޑް މާކް އެންޑް ކައުންޓާފީޓް އާޓް ކޮމްޕެޓިޝަން 2012ގެ ނަމުގައި ކުރިއަށްގެން ދިޔަ އެ ކޮމްޕެޓިޝަނުގައި މާލޭގެ ހަ ސްކޫލަކުން 86 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.