ފެބްރުއަރީ އަށް ވަނަ ދުވަހު އއ. ހިމަންދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައިގެ ތަހުގީގު ނިންމައި ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ހިމަންދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ ނުވަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ހިމަންދޫ ކައުންސިލްގެ ރައީސް އަލީ ނަސީރު،28، އާއި އެ ރަށު ހެޕީރެސްޓް، އަހުމަދު މުއާޒު، 21، އާއި ވިލުދޮޅި، އަހުމަދު އަރީފް،27، އާއި ޖަވާހިރުވާދީ، އަސީތު ތައުފީގު، 28، އާއި ނޫވިލާގެ، ހުސެއިން އާދަމް، 31، އާއި ބާބުއްސަލާމް، މުހައްމަދު ނިހާނު އަބްދުލްމަތީނު އަލީ، 25، އާއި ހުސްނުހީނާގެ، އަލީ ފަލާހް، 22، ޑޭޒީވިލާ، އަބްދުﷲ އާދަމް، 39،ގެ އިތުރުން އަންނާރުމާގެ ހަސަން ސިރާޖް، 24،ގެ މައްޗަށް ކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ހިމަންދޫގައި ހިނގި ހަމަނުޖެހުންތަކުގައި އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އިންޒާރުދީ ބިރުދައްކައި ޕޮލިސް ސްޓޭޝަނުން ފުލުހުން ބޭރުކުރުމަށް ފަހު ޕޮލިސް ސްޓޭޝަންގެ އިމާރާތާއި މުދަލަށް ވަނީ ގެއްލުންދީފަ އެވެ.

ހިމަންދޫ ކައުންސިލްގެ ރައީސް އަލީ ނަސީރު މިއަދު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު އޭނާ އެ ރަށުގައި ވެސް ނޫޅޭކަމަށާއި އެ ދުވަހު އޭނާ ހުންނެވީ މަސްވެރިކަން ކުރުމަށް ގދ. އަތޮޅަށް ގޮސް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އޭނައާ ސުވާލު ކުރީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށާއި ތަހުގީގުގައި ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެބްރުއަރީ 8ގައި އަޅުގަނޑު ރަށުގައި ވެސް ނެތިން. އަޅުގަނޑު ޗުއްޓީގައި ގދ. އަތޮޅުގައި މަސްވެރިކަމަށް ގޮސް ހުއްޓާ އެކަމެއް ހިނގީ. އަޅުގަނޑު ރަށަށް އައީ އޭގެ ވިއްސަކަށް ދުވަސް ފަހުން. މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ފުލުހުންގެ ތަހުގީގަށް އަޅުގަނޑާއި ސުވާލު ކުރީ. އަޅުގަނޑު ވާނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައި،" އަލީ ނަސީރު ވިދާޅުވި އެވެ.