ގެސްޓްހައުސް އެއްގައި ހުރި ބިދޭސީއަކަށް ވަޅިން ބިރުދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މާލޭ ދަފްތަރު 6322 ފަތިމަތު ނައީމް 19، އާއި އޭނާގެ ފިރިމީހާ މ. ގުލްޝަނީގޭ މުހައްމަދު ލަތީފް 26، އާއި މއ. ހަނީސަކްލް މަރިޔަމް މުހައްމަދު ތައުފީގު 19، ގެ އިތުރުން ގދ. ގައްދޫ މަދަރުސާގޭ ޝަހުދު އަބްދުލް ވައްހާބު 26، ގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 އެހާކަންހާއިރު އެ ތިން މީހުން "ރިއަލްއިން" ގެސްޓް ހައުސްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ތިބުމަށް ފަހު، ހެނދުނު 7:30 އެހާކަންހާއިރު އެކޮޓަރި ދޫކޮށްލުމަށް އެ ގެސްޓް ހައުސްގެ ރިސެޕްޝަނުގައި އެދުނު ކަމަށެވެ.

ދައުވާގައި ބުނަނީ ކޮޓަރި ދޫކޮށްލުމަށް ރިސެޕްޝަންގައި އެދުމަށްފަހު ކޮޓަރިއަށް ދެއްކި ކުލިން ޑިސްކައުންޓް ދިނުމަށާއި ޑިޕޮސިޓްގެގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ދިނުމަށް ރިސެޕްޝަންގައި ހުރި ބިދޭސީ މީހާގެ ކައިރީ އެ މީހުން އެދުނު ކަމަށެވެ. ނަމަވެސް ޑިޕޮޒިޓް ފައިސާ އަނބުރާ ދެވެން ނެތްކަމަށް އޭނާ ބުނުމުން އެ ހަތަރު މީހުން ހަމަނުޖެހުން ހިންގައި އެ މީހުންގެ ތެރެއިން ޝަހުދު ރިސެޕްޝަންގައި ހުރި ބިދޭސީ މީހާއާ ދިމާލަށް ވަޅި ދިއްކުރުމަށް ފަހު މަރާލާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށް ވެސް ދައުވާގައި ވެއެވެ.

އެ މީހުންގެ ތެރެއިން މަރިޔަމް ރިސެޕްޝަންގައި ހުރި ބިދޭސީ މީހާގެ ކަންފަތް ކައިރީގައި ނިޔަފަތިން ވަކިއެޅުވި ކަމަށް އެމީހާ ބުނާއިރު ލަތީފް އެމީހާގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާކަމަށް ވެސް ދައުވާގައި އެވެ. އަދި ލަތީފްއާއި ޝަހުދު އެތަނުގައި ހުރި އެހެން ބިދޭސީ މީހަކަށް ވަޅިން ބިރުދެއްކި ކަމަށް އެމީހާ އާއި ރިސެޕްޝަންގައި ހުރި ބިދޭސީ މީހާ ބުނާކަމަށް ވެސް ދައުވާގައި ވެއެވެ.

ދައުވާގައި ބުނަނީ އެކަންތައްތަކުގެ އިތުރަށް ރިސެޕްޝަންގައި އިން ބިދޭސީ މީހާއަށް އަނިޔާވެފައިވާކަން ކްރައިމްސީން އެގްޒެމިނޭޝަން ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 46 ވަނަ މާއްދާގެ ތިން ވަނަ ނަންބަރާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ 49 ވަނަ މާއްދާގެ ދަށުން ލަތީފް އާއި ޝަހުދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ މީހަކު މަރާލެވިދާފަ އެއްޗަކާއި އެކު ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ގާނޫނުލް އުގޫބާތުގެ 46 ވަނަ މާއްދާގެ ތިން ވަނަ ނަންބަރާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ 47 ވަނަ މާއްދާގެ ދަށުން ފާތިމަތާއި މަރިޔަމްގެ މައްޗަށް ކޮށްފައި ވަނީ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތަރު މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ދައުވާ އަށް އިންކާރު ކުރުމަށްފަހު އެމީހުންގެ ތެރެއިން ލަތީފް ބުނީ ރިސެޕްޝަންގައި ހުރި ބިދޭސީ މީހާ އޭނާގެ އަންހެނުން ފާތިމަތުގެ ބަނޑުގައި އަތް އަޅައި ކޮއްޕާލުމުން އޭނާގެ ގައިގައި ތަޅައިގަންނަން އުޅުނު ކަމަށާއި ނަމަވެސް އެމީހާގައިގައި ޖަހާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ލަތީފާއި ފާތިމަތުގެ ވަކީލު ވިދާޅުވީ ދައުވާގައި ބުނާފަދަ ކަމެއް އެ ދެ މީހުން ކޮށްފައި ނުވާ ކަމަށާއި އެ ދުވަހު އެތަނުން ފައިސާތަކެއް ގެއްލުމުން އެމީހުންގެ ބޮލުގައި އެޅުވުމަށް ރިސެޕްޝަންގައި ހުރި ބިދޭސީ މީހާ އުޅުނީ ކަމަށެވެ. އަދި ރިސެޕްޝަންގައި ހުރި ބިދޭސީ މީހާއަށް އަނިޔާވިކަމަށް ދައުލަތުން ބުނާއިރު އޭނާއަށް އަނިޔާވެފައި ވަނީ އެތާގައި ހުރި ކުޑަދޮރެއްގައި ޖެހިކަމަށް އެވަގުތު އެތަނުގައި ހުރި އެހެން ބިދޭސީ މީހެއް ބުނާކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހުންގެ ތެރެއިން ޝަހުދު ބުނީ އެ މީހުން ގެސްޓްހައުސް އަށް ދާންޖެހުނީ މަރިޔަމްގެ ގޭގެ މީހުންނާއި ދިމާވި މައްސަލައަކާއި ގުޅިގެން އޭނާ ނިދާނެ ތަނެއް ނެތުމުން ކަމަށެވެ. އަދި އޭނާ މާރާމާރީ ހިންގިކަމަށް ދައުވާގައި ބުނެފައިވާ ވަހަކަތަކަށް ޝަހުދު ވަނީ އިންކާރުކޮށްފަ އެވެ.

މަރިޔަމްގެ ވަކީލު ވިދާޅުވީ އޭނާ އެތަނަށް ދިޔައީ މާރާމާރީ ހިންގުމަށް ނޫން ކަމަށާއި އެތަނުގައި ބަޔަކު ހިންގި ނުބައި އަމަލެއްގައި މަރިޔަމް ބައިވެރިވެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. ނަމަވެސް ތަފްސީލީގޮތެއްގައި ހެކި ހުށަހަޅާފައި ނުވާތީ ތަފްސީލުކޮށް ހެކި ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.