ޤާހިރާ (އޮކްޓޯބަރ 12): މިސްރުގެ ރައީސް މުޙައްމަދު މުރްސީ އެޤައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދް މަޤާމުން ދުރުކުރެއްވުމުން ޢަބްދުލްމަޖީދު މަޙްމޫދް އެކަމާ ދެކޮޅަށް އަޑުއުފުއްލަވައި އެކަން ޤަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވައިފި އެވެ.

މަޤާމުން ދުރުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ޢަބްދުލްމަޖީދު މަޙްމޫދް ވިދާޅުވީ އޭނާ މަޤާމުން ދުރުކުރުމުގެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަކީ ޝަރްޢީ ދާއިރާގެ މަޤާމަކަށްވާ އިރު އެމަޤާމަށް މީހުން ލެއްވުމާއި ވަކިކުރުމުގެ ބާރު މިސްރުގެ ރައީސަށް މިހާރު ނޯންނާނެ ކަމުގަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދަކީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދުވަސްވަރު މުބާރަކް ޢައްޔަން ކުރެއްވި ބޭފުޅެކެވެ. މުސްތަޤިއްލު ބޭފުޅެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ޢައްޔަން ކުރުމަށް މިސްރުގެ ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް އަދި ގެނެވިފައިނުވާތީ މިކަން އަދި ކުރެވިފައެއްނުވެ އެވެ.

ޢަބްދުލްމަޖީދު މަޙްމޫދް މަޤާމުން ދުރުކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުރްސީ ވަނީ ވެޓިކަންގައި ހުންނަވާ މިސްރުގެ ސަފީރުކަމުގެ މަޤާމަށް އޭނާ ޢައްޔަން ކުރައްވާފަ އެވެ. ނަމަވެސް ޢަބްދުލްމަޖީދު ވިދާޅުވީ އޭނާ މަޤާމުގައި ދެމިހުންނަވާނެ ކަމަށާއި އެހެން މަޤާމެއް ޤަބޫލުނުކުރައްވާނެ ކަމުގަ އެވެ. މަޤާމުގައި ދެ މިހުންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް މުރްސީގެ ނިންމެވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ މަސައްކަތްތައް ވަގުތީ ގޮތުން މިހާރު ކުރައްވަމުން ގެންދަވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެހީތެރިޔާ އެވެ.

ޢަބްދުލްމަޖީދު މަޙްމޫދް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަޤާމުން ދުރުކުރެއްވުމަށް ރައީސް މުރްސީ ނިންމެވީ މިދިޔަ އަހަރުގެ ކުރީކޮޅު މިސްރުގެ އޭރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއަރަމުން ދިޔަ ދުވަސްވަރު ޢަބްދުލްމަޖީދު މަޙްމޫދްގެ ޢަމަލުތައް ހުރި ގޮތަށް ރިޢާޔަތް ކުރެއްވުމަށް ފަހު އޭނާއަކީ މުސްތަޤިއްލު ގޮތެއްގައި އެމަޤާމު އަދާކުރެއްވޭނެ ބޭފުޅެއްނޫން ކަމަށް ފެނިވަޑައިގަނެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިސްރަށް ޑިމޮކްރެޓިކް އިސްލާހްތައް ނާންނައިރު މުބާރަކް ޢައްޔަން ކުރައްވާފައިވާ ބޭފުޅަކު ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުގައި ހުންނަވާތީ އޭނާ އެމަޤާމުން ދުރުކުރެއްވުމަށް މުރްސީ އަށް އެތެރޭގެ ފިއްތުންތައް ވެސް ކުރިމަތިވެވަޑައިގަތުމުން ކަމަށް ވެސް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)