އިސްލާމް އާބާދު (އޮކްޓޯބަރ 12): ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ މަތިންދާބޯޓަކުން ޕާކިސްތާނަށް ޙަމަލާދީ 18 މީހަކު މަރާލައިފި އެވެ.

އެމެރިކާގެ މިޙަމަލާ އަމާޒުކޮށްފައި ވަނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ޕާކިސްތާން ތާލިބާނުންގެ މަރުކަޒަކަށް ކަމަށް އެމެރިކާ ބުނެ އެވެ. އެމެރިކާގެ ޙަމަލާއަރާފައި ވަނީ ތާލިބާނުންގެ ކޮމާންޑަރެއް ކަމަށްވާ މަވްލާނާ ޝާކިރުﷲގެ ޢިމާރާތަކަށް ކަމަށް ޕާކިސްތާނުން ބުނެ އެވެ. ޝާކިރުﷲ އަކީ ޕާކިސްތާނުގެ ތާލިބާންގެ ހަނގުރާމަވެރި ލީޑަރެއް ކަމަށްވާ ހަފީޒް ގުލް ބަހާދުރު ގެ ލަޝްކަރުތަކުގެ ކޮމާންޑަރެކެވެ.

ހަފީޒު ގުލް ބަހާާދުރު އަކީ އަލްޤާޢިދާއާ ގުޅިފައިވާ ހައްޤާނީ ނެޓްވާކުގެ ބައިވެރިއެއްކަމަށް ޕާކިސްތާނުން ބުނެ އެވެ. މިޢިމާރާތަކީ ޢަސްކަރީ ތަނެއްކަން ނޫނީ މަދަނީ ތަނަކަށްކަން ސާފުވެފައެއްނުވެ އެވެ. އަދި މަރުވެފައި ވެސް ވަނީ ތާލިބާން ހަނގުރާމަވެރިކަން ނޫނީ އާންމު ރައްޔިތުން ވެސް މީގައި ހިމެނޭކަން ނުވަތަ ނޫންކަން ކަށަވަރުވެފައެއްނުވެ އެވެ. ޕާކިސްތާން ސަރުކާރުން ބުނެފައި ވަނީ އެމެރިކާގެ ޙަމަލާގައި އެޤައުމުގެ 18 މީހަކު މަރުވެފައިވާކަމުގަ އެވެ.

އެމެރިކާގެ މިފަދަ ޙަމަލާތަކުގައި މިހާތަނަށް ގިނައިން މަރުވެފައި ވަނީ ޕާކިސްތާނުގެ ކުށެއްނެތް ޢާންމުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ވަޒީރުސްތާން ސަރަޙައްދަކީ ޕާކިސްތާނުގެ ތާލިބާން ހަނގުރާމަވެރިންގެ ބާރު ވަރަށް ގަދަ ހިސާބެކެވެ. ތާލިބާނުންނަކީ އަލްޤާޢިދާގެ ހަނގުރާމަވެރިންނާ ގުޅިފައިވާ ބައެއްކަމަށް އެެމެރިކާ ތުހުމަތު ކުރެ އެވެ. ޕައިލެޓަކާނުލާ ދަތުރުކުރާ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ ދޭ މިފަދަ ޙަމަލާތަކުގައި ޕާކިސްތާނުގެ ޢާންމުން މަރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގައި ޝަރީޢަތަކާނުލާ މީހުން މެރުމުގެ ޢަމަލެއްކަމަށް ބެލެވޭނެ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެހެން ބައެއް ޖަމާއަތްތަކުން ބުނެ އެވެ.

މިފަދަ ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސާއި އެމެރިކާގެ ޢަސްކަރީ އިސްވެރިންނާއި މިހަމަލާތައް ދިނުމުގައި ބައިވެރިވާ އެމެރިކާގެ ސިފައިން ވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކޮށް އިންސާނިއްތަޔާ ޚިލާފް ޖަރީމާތައް ހިންގާ އެހެންފަރާތްތަކާ ދެކޮޅަށް ޝަރީޢަތް ހިންގާ ބީދައިން ޝަރީޢަތް ހިންގެންޖެހެނެކަމަށް ވެސް މިފަރާތްތަކުން ބުނެ އެވެ. މިދިޔަ ބުދަދުވަހު ވެސް އެމެރިކާގެ މިފަދަ ޙަމަލާއެއްގައި ޕާކިސްތާނުގެ ފަސް މީހަކު މަރުވެފައިވެ އެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ އުތުރާއި ދެކުނުގައި އިއްޔެ ވަރުގަދަ ގޮވުންތަކެއް ގޮވައި 17 މީހަކު މަރުވެފައިވާ ކަމަށް ކަބަރު ލިބެ އެވެ. ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެގައި ޕާކިސްތާން ސިފައިންގެ ތިން މީހަކު ވެސް ހިމެނެ އެވެ. މިގޮވުންތައް ގޮވާފައިވަނީ މަގުމަތީގައި ބޮންހަރުކޮށްގެންނާއި ގޮވާތަކެތި އަޅާފައިވާ ވެހިކަލްތައް ގޮއްވާލައިގެންނެވެ. މިޙަމަލާތަކުގެ މަސްއޫލިއްޔަތު ޕާކިސްތާނުގެ ހަނގުރާމަވެރި އެއްވެސް ޖަމާޢަތަކުން އުުފުލާފައެއް ނުވެ އެވެ. (އަލްޖަޒީރާ)