11 Sep 2010, 11:39
ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގައި އިއްޔެ ފެށި 24 ގަޑިއިރުގެ ޓެލެތޯން ޝޯ ނިމުނުއިރު ޕްރައިމިނިސްޓާސް ފްލަޑް ރިލީފް ފަނޑަށް 1015797.11 ރުފިޔާ ލިބިފައިވާ ކަމަށް ފަންޑްގެ ކަންތައްތައް އިންތިޒާމު ކުރާ ފަރާތުން މިއަދު ބުނެފި އެވެ.
ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ފަންނާނުން ގުޅިގެން އިއްޔެ ހެދުނު 10:30 ގައި ފެށި 24 ގަޑިއިރުގެ ޓެލެތޯން ޝޯ މިއަދު ނިމުނުއިރު އެންމެ ގިނަ ފައިސާ ލިބިފައި ވަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް މެދުވެރިކޮށް ލިބިފައި ވަނީ 435355 ރުފިޔާ އެވެ. ދެން އެންމެ ގިނައިން ލިބިފައި ވަނީ ޑޮނޭޝަން ފޮށިތަކަށް، 254195.5 ރުފިޔާ އާއި ނަގުދުގެ ގޮތުގައި 210711.61 އެވެ. ފްޓްބޯޅަ މެޗާ ބެހޭ ހަރަކާތްތަކަށް ލިބިފައި ވަނީ ޖުމްލަ 115445 ރުފިޔާ ކަމަށް، ޓެލެތޯންގެ ފައިނޭންސް ޓީމުން ބުންޏެވެ؛ އެއީ ޖާޒީ ނީލަން ކިޔައިގެން 32500 ރުފިޔާ އާއި ސުވެނިއާ ޓިކެޓަށް 43500 ރުފިޔާ އާއި ޓިކެޓް ވިއްކައިގެން 39445 އެވެ.
ޝޯ އިންތިޒާމު ކުރި ފަރާތުން މިއަދު ބުނީ ޕާކިސްތާން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ ޓެލެތޯން ޝޯ ނިމުނު ނަމަވެސް ހޯމަ ދުވަހާ ހަމައަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.