އިޓަލީ ކްލަބް އިންޓަމިލާން ދަނީ ރަނގަޅު މަގަކުން ކަމަށާއި އިޓަލީ ލީގުގެ މިދިޔަ ސީޒަންގެ ޗެމްޕިއަން ޔުވެންޓަސްއަށް ގޮންޖަހާލެވިދާނެކަމަށް އެޓީމްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއިޖީ ބުފަން ބުނެފިއެވެ.

މިދިޔަ ސީޒަންގައި ދަށް ކުޅުމެއް ފެނިގެންދިޔަ އިންޓަމިލާނުން މިސީޒަން ފެށީ ދަށް ކުޅުމަކާއެކުއެވެ. ނަމަވެސް މިހާރު އެޓީމުންވަނީ އެ އަޑިގަނޑުން އަރައިގަނެ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެ މިލާނުގެ ވާދަވެރި މެޗު ކާމިޔާބުކުރީ އިންޓަމިލާނުންނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ޔުވެންޓަސްގެ އިޓަލީ ކީޕަރު ދެކޭގޮތުގައި، މިސީޒަނުގައި އިންޓަމިލާނަކީ އެޓީމަށް ބިރެއްކަމަށް ވެދާނެކަމެވެ.

"އިންޓަމިލާނުން ޒުވާން ވިސްނުން ވަރަށް ރަނގަޅު. އެޓީމް އެދެނީ ރަނގަޅު މަގުންކަމަށް އަހަރެން ގަބޫލުކުރަން. އެޓީމުން ވަރުގަދަ ކުޅުމެއް ދައްކަމުންދާ ނަމަ، އެޓީމަކީ ބިރަކަށް ވެެންދާނެ. އަދި އިންޓަމިލާނަށް އަހަރެމެންނަށް ގޮންޖަހާލެވިދާނެ." ބުފަން ބުންޏެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މިސީޒަނުގައިވެސް އެއްވެސް މެޗަކުން ބަލި ނުވެ އިޓަލީ ލީގުގެ އެއްވަނާގައި އޮތީ ޔުވެންޓަސްއެވެ. އެއްވަނާގައި އޮތް ޔުވެންޓަސް އަދި ދެވަނާގައި އޮތް ނަޕޯލީއަށް ވެސް ލިބިފައިވަނީ ނަވާރަ ޕޮއިންޓެވެ. ޔުވެންޓަސް ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. ލީގުގެ ތިންވަނާގައި އޮތް ލާޒިއޯ އަދި ހަތަރުވަނާގައި އޮތް އިންޓަމިލާނަށް ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ.