12 Oct 2012, 13:43
ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންކަމަށްވާ ބާސެލޯނާގެ ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެއް ހަމައެއްގައި ގޯލް ޖަހަން ބޭނުންވާކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޮލަމްބިއާ ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފިއެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ އާދީއްތަ ދުވަހު މަލަގާއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަލްކާއޯވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ސްޕެނިޝް ލަލީގާގެ ގޯލް ޖެހުމުގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ރޮނާލްޑޯއާއި މެސީގެ އިތުރުން ފަލްކާއޯއެވެ. މި ތިން ކުޅުންތެރިންވެސް ވަނީ ސްޕެނިޝް ލަލީގާގައި އަށް ލަނޑު ކާމިޔާބުކޮށްފައެވެ.
"ހުރިހާ ކަމެއްވެސް އުޅެނީ ވަރަށް ގާތް ގާތުގައި. މެސީއާއި ރޮނާލްޑޯއާއި އެއްވަރަށް ގޯލް ޖެހޭތީ އުފާކުރަން. އެއް އިރެއްގައި ލިސްޓްގެ އެންމެ ކުރީގައި އަހަރެން އުޅުނީތީ ވަރަށް ފަހުރުވެރިވަން. އެ ދެކުޅުންތެރިންނާއި ވާދަކުރެވޭނެކަމަށް އަހަރެން އުންމީދުކުރަން." ފަލްކާއޯ ބުންޏެވެ.
ފަލްކާއޯއަކީ މިދިޔަ ދެސީޒަނުގައިވެސް ޔޫރޮޕާ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އެއީ ތަފާތު ދެކުލަބަކަށް ކުޅެގެންނެވެ. އެއީ ޕޯޗުގަލް ޕޯޓޯއާއި މިހާރު ކުޅެމުންދާ އެތްލެޓީކޯ މެޑްރިޑަށް ކުޅެމުންނެވެ.