12 Oct 2012, 13:42
ސްޕެއިންގެ ދެވާދަވެރިންކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މެޗުތަކުގެ ފެންވަރު އިތުރަށް ވަރުގަދަވަމުންދާ ކަމަށް ބާސާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ބުނެފިއެވެ.
މިދިޔަ އާދީއްތަދުވަހު ކުޅުނު އެލް ކްލެސިކޯ މެޗުން ދެޓީމްގެ ވާދަވެރިކަމުގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންކަމަށްވާ މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރިކަންވެސް ފެނިގެންދިޔައެވެ. 2-2 ލަނޑުން އެއްވަރުވި މެޗުގައި ލަނޑުތައް ފެނިގެންދިޔައީ މެސީއާއި ރޮނާލްޑޯގެ ފަރާތުންނެވެ.
"ދެޓީމްގެ މެދުގައި ގިނަ މެޗުތަކެއް ވަނީ ކުޅެވިފައި. ދެޓީމަށްވެސް ދެޓީމް ވަރަށް ރަނގަޅަށް އެނގޭނެ. އެހެންކަމުން ދެޓީމަށްވެސް ގިނަ އުނދަގޫތަކަކާއި ކުރިމަތިވާނެ. އެހެންވެގެން ދެޓީމުގެ މެދުގައި ކުޅޭ މެޗުތައްވެސް ރަނގަޅުވަނީ. މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ރަނގަޅު މެޗެއް. ހާއްސަކޮށް އެމެޗު ބަލަންދިޔަ މީހުންނަށް. އެމެޗުގައި މެޑްރިޑް މޮޅުވެގެން ގޮސްފާނެހެން ހީވި. އަދި އަހަރެމެން މޮޅުވެގެން ގޮސްފާނެހެން ވެސް ހީވި." މެސީ ބުންޏެވެ.