ވޯލްޑް ކަޕް ކޮލިފައިންގައި ސެން މެރީނޯއާއި ދެކޮޅަށް އިނގިރޭސި ގައުމީ ޓީމް މިރޭ ކުޅޭ މެޗުގައި އިނގިރޭސި ޓީމްގެ ކެޕްޓަންކަން ކުރާނީ މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅެމުންދާ ފޯވާޑް ވޭން ރޫނީކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން އަދި އިނގިރޭސި ޓީމްގެ ކޯޗު ރޯއީ ހޮޑްސަން ކަށަވަރުކޮށްދީފިއެވެ.

ރޫނީއަށް ކެޕްޓަން ބޭންޑް ހަވާލުކުރަން ޖެހުނީ އިނގިރޭސި ޓީމްގެ ކެޕްޓަން ސްޓީވަން ޖެރާޑް ސަސްޕެންޝަންގައި ހުރުމުގެ ސަބަބުންނާއި ފްރޭންކް ލަމްޕާޑްއަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ސްކޮޑުގައި ނުހިމެނުމުގެ ސަބަބުންނެވެ.

ކެޕްޓަންކަން ކުރުމުގެ ފުރުސަތު ލިބުމުން ފަހުރުވެރިވާކަމަށް ރޫނީ ބުނެފައިވެއެވެ. "އެއީ އަހަރެންނަށް ލިބުނު ބޮޑު ޝަރަފެއް. އަހަރެން އެކަމާއި މެދު ފަހުރުވެރިވަން. އިނގިރޭސި ޓީމަށް ކެޕްޓަންކަން ކުރުމަކީ އަހަރެން ކުރަމުން އައި ހުވަފެނެއް. ސެން މެރީނޯއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާނެކަމަށް އުންމީދުކުރަން." ރޫނީ ބުންޏެވެ.

ސެން މެރީނޯއާއި ދެކޮޅަށް ނުކުންނަ އިނގިރޭސި ޓީމްގެ ސްކޮޑުން ކެޕްޓަންކުރުމަށް އެންމެ ރަނގަޅު ކުޅުންތެރިއަކީ ރޫނީކަމަށް އެޓީމްގެ ކޯޗު ހޮޑްސަން ބުނެފައިވެއެވެ. "ދާދި ފަހުން ރޫނީއަށް ދިމާވި އަނިޔާއިން ސަލާމަތްވުމުން ވަރަށް އުފާކުރަން. އޭނާއާއެކު މަސައްކަތްކުރަން ވަރަށް ބޭނުން. މިހާރު އޮތް ސްކޮޑުން ކެޕްޓަންކަން ކުރަން އެންމެ ރަނގަޅު ކުޅުންތެރިއަކީ ރޫނީ." ހޮޑްސަން ބުންޏެވެ.

އިނގިރޭސި ޓީމް ކުޅުނު ބައިނަލްއަގްވާމީ ވާދަވެރި މުބާރާތެއްގެ މެޗަކުން ރޫނީ ކެޕްޓަންކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އިނގިރޭސި ޓީމަށް ރޫނީ ކެޕްޓަންކަން ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެއީ 2009 ވަނަ އަހަރު ބްރެޒިލްއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗުން އިނގިރޭސި ޓީމް ބަލިވީ 1-0 ލަނޑުންނެވެ.