12 Oct 2012, 13:35
ވީބީ އައްޑޫ އެފްސީގެ ސިއެރަ ލިއޯން ފޯވަޑް އަބޫ ޑެސްމަން މަންސާރޭ މިސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ސައުގުވެރިކަން ފާޅު ކޮށްފި އެވެ.
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ދަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވާދަކުރި ބައެއް ކުލަބްތަކުގެ ކުޅުންތެރިންނާ ވާހަކަ ދައްކަމުންނެވެ. އެގޮތުން ވިކްޓަރީން އެންމެ ސައުގުވެރިވާ ކުޅުންތެރިންގެ ލިސްޓްގައި ވީބީގެ އަބޫ ހިމެނެ އެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒް(އަޔާ) ބުނީ، ވިކްޓަރީން މިހާރު ވެސް ދެ ކުޅުންތެރިއަކަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވާއިރު، އެ ކުޅުންތެރިންނަކީ ވީބީގެ އަބޫ އާއި ވެލެންސިޔާއަށް ކުޅުނު އެޓީމްގެ ކެޕްޓަން އަލީ އިމްރާނެވެ.
"އަބޫގެ މިސީޒަންގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. އޭނާ ހޯދުމަށް މަސައްކަތް ކުރާނަން. އަބޫ އަކީ މޮޅު ފޯވާޑެއް. އަދި ވެލެންސިޔާއަށް ކުޅުނު އިމްރާނާއެކު ވެސް ވިކްޓަރީން މިދަނީ ވާހަކަ ދައްކަމުން" އަޔާ ބުންޏެވެ.
އަޔާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަ ކަމަށާއި އެހެން ކަމުން މިސީޒަނަށް ވުރެ އަންނަ ސީޒަނަކީ ވެސް ކުލަބްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެގެން ދާނެ ސީޒަނެއް ކަމަށެވެ. އެހެން ކަމުން ވިކްޓަރީން ވެސް ކުޅުންތެރިން ހޯދުމަށް ދުރާލާ ތައްޔާރު ވާނެ ކަމަށް އަޔާ ބުންޏެވެ.
އަބޫގެ އިތުރުން އަންނަ ސީޒަނަށް ވިކްޓަރީން ސައުގުވެރިކަން ދެން ފާޅުކޮށްފައިވާ އިމްރާން ވަނީ، މިސީޒަންގައި އޭނާ ކުޅެމުން އާ ކުލަބް ވެލެންސިޔާއަށް ކުޅުން ހުއްޓާލައިފައެވެ. އެގޮތުން އިމްރާން ވެލެންސިޔާއަށް ކުޅުން ހުއްޓާލީ އެކުލަބުގެ ބޯޑުން އޭނާއާ މެދު އެޅި ފިޔަވަޅު ތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ވިކްޓަރީން ވީބީގެ އަބޫއަށް ސައުގުވެރިކަން ފާޅުކުރިއިރު، އަބޫ ވަނީ މިސީޒަންގައި ވީބީއަށް 19 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ވެސް އަބޫ ތިން ވަނާގައި ހިމެނޭއިރު، ސީޒަންގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 23 ގޯލް ޖަހާފައިވާ ނިއުގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ. ސީޒަންގެ ލަނޑު ލިސްޓުގެ ދެ ވަނާގައި އުޅެނީ 21 ލަނޑު ކާމިޔާބު ކޮށްފައިވާ ވިކްޓަރީގެ މުހައްމަދު އުމައިރެވެ.