-- ކ. މާފުށިން؛ އިސްމާއިލް ޝާކިރު --

ޖަލުތައް ބަލަހައްޓާ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސެންޓަރު (ޑީޕީއާރުއެސް)ގެ 44 ވަނަ އަހަރީ ދުވަހާ، ދިމާކޮށް ގައިދީންނަށް މަސައްކަތާއި ތަމްރީން ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމްތަކެއް މާފުށީ ޖަލުގައި މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދަކީ ޑީޕީއާރުއެސްއަށް 44 ވަނަ އަހަރީ ދުވަހެވެ.

އެކަން ފާހަގަކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި މިއަދު ހެނދުނު 6:00 ޖެހީއިރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާ އެކު ގައިދީންނަށް ތައުލީމާއި، މަސައްކަތާއި ފަންނުވެރިކަން އުގަންނައިދޭ ފަސް ޕްރޮގްރާމެއް މިއަދު ވަނީ މަފޫށީ ޖަލުގައި އިފްތިތާހު ކޮށްފަ އެވެ.

ފުރަތަމަ އޮތީ ގައިދީންނަށް ގާއަޅާނެ ގޮތް ދަސްކޮށްދޭ ފެކްޓްރީއެއް އިފްތިތާހު ކުރުމެވެ. އެ ފެކްޓްރީގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި ޑީޕީއާރުއެސްއާ ދެމެދު ވަނީ މިއަދު ސޮއިކޮށްފަ އެވެ. އެ ފެކްޓްރީ ބިނާކޮށްފައިވަނީ މާފުށީ ޖަލުގެ ކޮމްޕައުންޓްގަ އެވެ.

އެއަށް ފަހު އޮތީ ނައިބު ރައީސް މުހަންމަދު ވަހީދުއްދީން، ޑީން ހަދިޔާކުރެއްވި ކޮމްޕިއުޓާ ލެބް ހުޅުވުމެވެ. އެތަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަލީމް އަހުމަދެވެ. އެ ލެބުން ގައިދީންނަށް ކޮމްޕިއުޓަރުގެ އެކި އިލްމްތަށް ދަސްކޮށްދިނުމަށް ކޯސްތަށް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

އަދި ފަހަން ދަސްކޮށްދޭ ކޯހަކާއި ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކަކާއި އަދި އަންހެނުންނަށް ހާއްސަ ކްލާސްތަކެއްވެސް ޖަލުގައި ވަނީ މިއަދު އިފްތިތާހުކޮށްފަ އެވެ.

އެ ޕްރޮގްރާމްތަށް އިފްތިތާހުކުރުމަށް ފަހު، ހޯމް މިނިސްޓާ ޖަމީލް ގައިދީންނާ މުހާތަބުކުރައްވާ ވިދާޅުވީ ކުރެވޭ ކުށެއްގެ ސަބަބުން ޖަލަށް އަންނަ ޖެހުނު ނަމަވެސް އެއީ މާޔޫސްވާންވީ ކަމެއް ނޫން ކަމަށާއި ޖަލުގައި ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން މުޖުތަމައަށް ބޭނުންތެރި މީހަކަށް ކޮންމެ ގައިދީއަކަށްވެސް ވެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. ނާއުމީދު ވާނެ ކަމެއް ނެތް. ތިޔައިގެ ތެރެއިން ކޮންމެ މީހަކީވެސް އަބުރާ މުޖުތަމައަށް ނެރެވޭނެ މީހަކަށް ހެނދުން. މުޖުތަމައަށް ބޭނުން ހިފޭ މީހަކަށް ހެނދުން. މި ޕްރޮގްރާމްތަކުގެ ތެރެއިން އެފަދަ މީހަކަށް ވެވިދާނެ،" ޖަމީލް ވިދާޅުވި އެވެ.

ޖަލުބަލަހައްޓަން ތިބޭ އޮފިޝަރުންވެސް އެކަމަށް ބާރުއެޅުމަށް މިނިސްޓާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އަދި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުން ފަދަ ކަންތައްތައް އެއްވެސް އޮފިޝަރަކު ނުކުރުމަށް ޖަލީމް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
"މިކަމަކީ އެންމެންގެ އެހީތެރިކަމާ އެކު ކުރެވޭނެ ކަމެއް. މިއީ އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު އޮތް ހަރަކާތްތަކުގެ ތެރޭގައި ގައިދީންނަށް ފަރުވާދިނުމަށް މާފުށީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރުވުނު ބައި ހުޅުވުމާއި ގައިދީންގެ ފުޓްބޯޅަ ލީގް އިފްތިތާހުކުރުން އޮންނާނެ އެވެ.