ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ފުރުއްވި މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އެމްޑީޕީއާ ރޭ އަލުން ގުޅިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ހާއްސަ މަޖިލީހުގެެސް މެންބަރުކަން ވެސް ކުރެއްވި މޮޑީ އަލުން އެމްޑީޕީއަށް ސޮއި ކުރެއްވީ އެ ޕާޓީން ފުވައްމުލަކުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

އެމްޑީޕީ އުފެދިގެން އައިރު އެންމެ ފުރަތަމަ މޮޑީ ހުންނެވީ އެ ޕާޓީގަ އެވެ. އެހެން ނަމަވެސް އެޕާޓީން ވަކި ވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސްކަންވެސް ކުރެއްވުމަށް ފަހު އެ ޕާޓީން އޭނާ ވަކިވެވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މޮޑީ ވިދާޅުވީ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކަށް ވުމަށް ކަމަށެވެ.

އެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ކަށަވަރު ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވީ މޮޑީއަކީ އެމްޑީޕީ ވުޖޫދަށް ގެނައުމަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މޮޑީއަށް އެމަނިކުފާނު މަރުހަބާ ވިދާޅުވަނީ “އުފަލާއި، ހިނިތުންވުމާއި އެކު،”ކަމަށެވެ.

މޮޑީ ވަނީ ސިންގަޕޫރުގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމާއި ސިންގަޕޫރުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމުވެސް ފުރުއްވާފަ އެވެ.