ހަބޭސް ބޮޑުބެރު ގްރޫޕުގެ ބައިނަލްއަގުވާމީ 54 ވަނަ ހަރަކާތް ހުށަހަޅައިދިނުމަށް އެ ގްރޫޕުން ތައްޔާރުވެއްޖެ
ހަބޭސް ބޮޑުބެރު ގްރޫޕުގެ ބައިނަލްއަގުވާމީ 54 ވަނަ ހަރަކާތް ހުށަހަޅައިދިނުމަށް އެ ގްރޫޕުން ތައްޔާރުވެއްޖެ

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް، ހަބޭސް ބޮޑުބެރު ގްރޫޕުން ތައިލޭންޑުގައި އޮންނަ ބުރާޕާ ބައިކް ވީކުގައި ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ބައިނަލްއަގުވާމީ 54 ވަނަ ހަރަކާތް ހުށަހަޅައިދިނުމަށް އެ ގްރޫޕުން ތައްޔާރުވެއްޖެ
ހަބޭސް ބޮޑުބެރު ގްރޫޕުގެ ބައިނަލްއަގުވާމީ 54 ވަނަ ހަރަކާތް ހުށަހަޅައިދިނުމަށް އެ ގްރޫޕުން ތައްޔާރުވެއްޖެ

ހަބޭސް ބޮޑުބެރު ގްރޫޕުން ބުނީ، އަށް ގައުމެއްގައި 53 ހުށަހެޅުން ހުށަހަޅައިދީ ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކަކުން އެއްވަނަ ހޯދައި، ދުނިޔޭގެ ސްޓޭޖުތަކުގައި ދިވެހި ސަގާފަތް ތަމްސީލުކުރުމުގެ ފަޚުރުވެރި ތާރީޚަކާއެކު، އެ ގްރޫޕް މިހާރު ތައްޔާރުވަނީ 30ވަނަ ބުރާޕާ ބައިކް ވީކުގައި ބައިވެރިވުމަށް ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ މި ޝަރަފުވެރި ހަރަކާތުގައި އެ ގްރޫޕު ވިދިވިދިގެން ބައިވެރިވާ ހަތަރުވަނަ އަހަރު ކަމަށް ހަބޭސް ބޮޑުބެރު ގްރޫޕުން ބުންޏެވެ.

އެގޮތުން ސަގާފީ އެކި ފެސްޓިވަލްތަކާއި ބައިނަލްއަގުވާމީ އެކި މިއުޒިކް އެއްވުންތަކުން ފެށިގެން ޝަރަފުވެރި އިހުތިފާލުތަކާ ހަމައަށް، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ހަމަތަކާއި އާދަކާދަތަކާއި ސަގާފީވަންތަކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދީފައިވާ ކަން ހަބޭސް ބޮޑުބެރު ގްރޫޕުން ފާހަގަކުރެއެވެ. އެގޮތުން މިޞްރާއި ސްރީލަންކާއާއި ސިންގަޕޫރާއި މެލޭޝިއާއާއި އިންޑިއާއާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑާއި ތުރުކީ ފަދަ ގައުމުތަކުގައި ޖުމުލަ 53 ހުށަހެޅުމެއް އެ ގްރޫޕުން ހުށަހަޅައިދިންކަން ވަނީ ފާހަގަކޮށްފައެވެ.

ރެއިންފޮރެސްޓް ވޯލްޑް މިއުޒިކް ފެސްޓިވަލްގައި ހަބޭސް އިން ޝޯ ދެނީ --- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕު

އެގޮތުން 2016ވަނަ އަހަރު ސްރީލަންކާގެ މައުންޓް ލެވީނިއާގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ވޯލްޑްވައިޑް ރަސްމިއްޔާތުގައި ދެ ފަހަރު މަތިން ހުށަހެޅުންތައް ދީ، ޖެހިގެން އައި 2017ވަނަ އަހަރު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމުކުރި އީދު އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ވެސް ހުށަހެޅުންތައް ހުށަހަޅައިދީފައިވާ ކަން އެ ގްރޫޕުން ފާހަގަކުރެއެވެ.

އޭގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ، 2017ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބޭއްވި އިހުތިފާލުތަކުގައި ހުށަހެޅުންތައް ހުށަހަޅައިދީފައިވާނެ ކަމާއި، މަޝްހޫރު ފަސީލައިވްއާ އެކު 2023ވަނަ އަހަރާއި 2024ވަނަ އަހަރުގެ ޖޫން މަހު އެ ގައުމުގެ ސަރަވާކުގައި އޮތް ރެއިންފޮރެސްޓް ވޯލްޑް މިއުޒިކް ފެސްޓިވަލްގައި ހުށަހެޅުން ހުށަހެޅިކަން ފާހަގަކޮށްފައެވެ.

އަދި ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް އިންޑިއާގައި 2017ވަނަ އަހަރު ބޭއްވި ސަގާފީ ހަރަކާތެއްގައާއި މާރިޗު 19، 2022 ގައި ހަރިޔާނާގެ ފަރީދާބާދުގައި ބޭއްވި 35 ވަނަ ސޫރަޖްކުންޑް އިންޓަނޭޝަނަލް ކްރާފްޓްސް މޭލާ ފެސްޓިވަލްގައި ވެސް ހަބޭސްއިން ބައިވެރިވެ ހުށަހެޅުންތައް ހުށަހަޅައިދިންކަން އެ ގްރޫޕުން ފާހަގަކުރެއެވެ. އޭގެ ފަހުން 35 ވަނަ ސޫރަޖްކުންޑް އިންޓަނޭޝަނަލް ކްރާފްޓްސް މޭލާ ފެސްޓިވަލުގައި ވެސް ބައިވެރިވެ، ވިދިވިދިގެން ދެ އަހަރު އެއްވަނަ ހޯދި ކަމަށް ވެސް އެ ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. އިންޑިއާއަށް ކުރި ދަތުރުތަކުގައި ޖުމުލަ 18 ހުށަހެޅުމެއް ހުށަހަޅައިދިން ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

ސައުންޑްސް އޮފް މޯލްޑިވްސް 2017ގައި ހަބޭސް ބޮޑުބެރު ގްރޫޕުން ސިންގަޕޫރަށް ކުރި ދަތުރުގައި --- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕު

އެއަށްފަހު 2024ވަނަ އަހަރާއި މިދިޔަ އަހަރާއި މި އަހަރު ވެސް ތައިލޭންޑުގައި އޮތް ބުރާޕާ ބައިކް ވީކުގައި ހަބޭސް ބޮޑުބެރު ގްރޫޕުން ބައިވެރިވެފައިވެއެވެ. އެ ތިން ފަހަރު ވެސް ހަބޭސް ބޮޑުބެރު ގްރޫޕުން ސްޓޭޖު ހުށަހެޅުންތަކުން ވަނީ އެއްވަނަ ހޯދައިފައެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން ބުނީ ބައިނަލްއަގުވާމީ މުބާރާތްތަކަކުން އެއްވަނަ ހޯދުމުން ދައްކުވައިދެނީ ދިވެހި މިއުޒިކާއި ސަގާފީ އާދަކާދަތައް އެންމެ މަތީ ފެންވަރުގައި ތަމްސީލުކުރުމުގެ ގާބިލުކަން އެ ގްރޫޕުގެ ކިބައިގައި ހުރި މިންވަރު ކަމަށެވެ.

އެ ގްރޫޕުން ބުނީ ވިދިވިދިގެން ތިން އަހަރު އެއްވަނަ ހޯދުމަށްފަހު އަނެއްކާ ވެސް ތައިލޭންޑުގެ ބުރާޕާ ބައިކް ވީކުގައި ބައިވެރިވުމަށް އެނބުރި ދިއުމަކީ އެ ގްރޫޕުގެ ބައިނަލްއަގުވާމީ ދަތުރުގައި ލިޔެވިގެންދާނެ އިތުރު މުހިންމު ބާބެއް ކަމަށެވެ.