މުއްދަތު ހަމެވެފައި ނުވަތަ ހަލާކުވެފައި ހުންނަ ކާނާ މާލޭގެ ކުނިގޮނޑަށް އުކާލުމުގެ ކުރިން ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް އެ ސެންޓަރުން ހަމަޖައްސައި އެކަން އާންމުކޮށް އިއުލާންކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ބުނީ މާލެގެ އެއް ނަންބަރު ނުވަތަ ދެ ނަންބަރު ކުނިކޮށްޓަށް މުއްދަތު ހަމެވެފައިވާ ނުވަތަ ހަލާކުވެފައިވާ އެއްވެސް ކާނާއެއް ކުންފުންޏަކުވެސް ނުވަތަ ފިހާރައަކުންވެސް އުކާލުމުގެ ކުރިން އެސެކްޝަނުގެ ހުއްދައެއް ލިޔުމަކުން ހޯދަން ޖެހޭނެ ކަމަށެވެ.

"އެއްވެސް ފަރާތަކުން މާލޭގެ އެއް ނަންބަރު ކުނިކޮށި އަދި ދެ ނަންބަރު ކުނިކޮށްޓަށް އަޅާ އެއްވެސް ބާވަތެއްގެ އެއްޗެއް އެއްވެސް ފަރާތަކުން ނެގުމަކީ މަނާކަމެކެވެ. މާލޭގެ ދެ ނަންބަރު ކުނިކޮށްޓަށް އުކާލެވޭނީ ކާބޯތަކެތީން އުފެދޭކުންޏާއި އާއްމު ކުންޏެވެ. އަދި މާލޭ އެއް ނަންބަރު ކުނިކޮއްޓަށް އުކާލެވޭނީ ގާ، ކުނޑި، ވެލި އަދި ލަކުޑި ފަދަ ތަކެއްޗެވެ." ވޭސްޓްމަންޓުން ނެރުނު އިއުލާނުގައިވެ އެވެ.

އެގޮތަށް ހަދަން ޖެހުނީ ކުނިކޮށިތަކަށް އެޅޭ ބައެއް ކާނާގެ ބާވަތްތައް ގޮނޑުހޮވާ ބައެއް ފަރާތްތަކުން ހޮވާ ބޭނުންކުރުމުގެ އިތުރުން ވިއްކަމުންދާކަމުގެ ޝަކުވާ އެ ސެކްޝަނަށް ލިބެމުންދާތީ ކަމަށްވެސް ސެކްޝަނުން ބުންޏެވެ.

ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އެގޮތަށް ނިންމާފައިވާއިރު މިމަހުގެ ތިން ވަނަ ދުވަހު މާލޭގެ ކުނިގޮނޑަށް އުކާލާފައި ހުރި ގިނަ އަދަދެއްގެ ކުކުޅުތަކެއް ޕިކަޕަކަށް އަރުވައިގެން ވިއްކަމުން ދިޔަ ހަތަރު މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.