10 Mar 2010, 14:56
19:00
ސަރުކާރު ހިންގާ އެމްޑީޕީން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް މަސައްކަތްކުރާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި އެވެ.
އިއްޔެ ރޭ ހުޅުމާލޭގައި ބޭއްވި އެމްޑީޕީގެ އާންމު ބައްދަލުވުމުން ދި ޓީވީގެ ކެމެރާމަނާއި ނޫސްވެރިއަކު ބޭރުކުރި މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ހިންގި އެ އަމަލާ މެދު ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. އަދި އެމްޑީޕީގެ މިފަދަ ޖަލްސާތަކުގަ އާއި ޕްރެސް ކޮންފަރެންސްތަކުގައި އެ ޕާޓީގެ އިސްފަރާތްތަކުން ދަނީ އެމްޑީޕީގެ ސިޔާސަތާ އިދިކޮޅު ކޮންމެ މީޑިއާ އަކާއި ނޫސްވެރިއަކު އިނދަ ޖައްސާލުމަށް ގޮންޖަހަމުން ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ޑިމޮކްރެސީ އަކީ ތަފާތު ހިޔާލުތަކުގެ މައްޗަށް ބިނާވެގެންވާ އަސާސެއްކަން، ސަރުކާރު ހިންގާ ޕާޓީގެ އިސް ފަރާތްތަކަށް ފަހުމްވެފައި ނެތުމުން ހާމަވަނީ އެ ފަރާތްތަކުގެ އަހުލާގެއް އަދި ފެންވަރެއް ނެތް ކަމާއި ނުކުޅެދުންތެރިކަން ކަމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ޑިމޮކްރެސީ އަށް ކަނޑައެޅިގެން ގޮންޖަހައި، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ސަރުކާރު ހިންގާ ޕާޓީން ކުރިއަށް ގެންދާ މިފަދަ އަމަލުތައް އެޖަމިއްޔާ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޖޭއޭގެ އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ އާންމު ބައްދަލުވުމުން ދި ޓީވީ ބޭރުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަގުތީ ރައީސް ރީކޯ މޫސާ މަނިކު އިއްޔެ ރޭ ވިދާޅުވެފައި ވަނީ ދި ޓީވީގެ ކެމަރާމަނާއި ނޫސްވެރިޔާ އެ ޕާޓީގެ ޖަލްސާ އިން ބޭރުކުރީ ހުޅުމާލޭގެ ރައްޔިތުން ބޭނުންވެގެން ކަމަށެވެ. އެހެންވެ އެކަމާ މެދު ކުރައްވާނެ ކަމެއް ނެތް ކަމަށް ރީކޯ މޫސަ ވަނީ ވިދާޅުވެފަ އެވެ.