24 Nov 2026, 18:29
ގާނޫނީ ދާއިރާގެ ޑިގްރީ ސެޓްފިކެޓުތައް ބައެއް ކޮލެޖުތަކުން ވިއްކާ ކަމުގެ ޝަކުވާތަކެއް ބާ ކައުންސިލަށް ލިބިފައިވާކަން އެ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
'ސަން'އިން ސުވާލުކުރުމުން ބާ ކައުންސިލުގެ ރައީސް އިބްރާހީމް ޝަމީލް މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ހިއްސާ ނުކުރައްވައެވެ.
ޝަމީލް ވިދާޅުވީ ގާނޫނީ ދާއިރާގެ ޑިގްރީ ސެޓްފިކެޓުތައް ވިއްކާ މައްސަލަ ބާ ކައުންސިލުގެ ސަބްކޮމިޓީތަކުން ވެސް ދިރާސާކުރަމުން އަންނަ ކަމަށެވެ.
"އަދި އެހެން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން ވެސް އެމްކިއުއޭއާ އެބަ މަޝްވަރާކުރަން،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން މީގެކުރިން ވިދާޅުވިގޮތުގައި ސެޓްފިކެޓުތައް ވިއްކާ މައްސަލަ މެދުވެރިވަނީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބޭނުމުގައި އުނގެނޭތީއެވެ.
"އުނގެނުމުގެ ބޭނުމަކީ ސަނަދު ހޯދުން ކަމަށް ވެގެން ނުވާނެ. އެހެން ފަހަރުގަ އެ ވަނީ ބައެއް ފަހަރު އެ ވަޒީފާގަ ދެމިތިބުމާ ވަޒީފާ ކުރިއެރުން ހޯދަން ސަނަދެއް އޮންނަން ލާޒިމްކުރުވާތީވެ. އެކަހަލަ ހާލަތްތައް އަޅުގަނޑުމެންނަށް މާޒީގަ ފެނިފަ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
އުނގެނުމުގެ މައިގަނޑު މަގުސަދަކަށް ވާން ޖެހޭނީ އިލްމު ހޯދައި، އިލްމުން އެ މީހެއްގެ ދިރިއުޅުން ރަނގަޅު ފެންވަރަކަށް ގެންގޮށް، އެ މީހަކު އުޅޭ މުޖުތަމައަކަށް ފައިދާތަކެއް ގެނެސްދިނުން ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމައިފައެވެ.