ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭ: ސާޖިދާ
ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭ: ސާޖިދާ

ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ، ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް އިލްތިމާސްކުރައްވާފައެވެ.

އެކަމަނާ ވަނީ ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަހައްމަލުކުރަންޖެހޭނެ ކަމާއި، ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމުގައި ވިދާޅުވެފައެެވެ. އެހެންކަމުން އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާއި ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ހަމަ މިޔާއެކު، ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާ އިތުރަށް ވަނީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ސިއްހީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ މުހިންމު ކަމެއް ކަމަށާއި ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ހިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް ޒުވާނުންނަށް ނަސޭޙަތްތެރި ވެވަޑައިގެންފައެވެ.

މީގެއިތުރުން ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ނަފްސާނީ ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ، ގާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ ޒުވާނުންނަކީ މި ގައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި، އީޖާދީ ވިސްނުމާއެކު ގައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް ބާރުއަޅުއްވަމުންނެވެ.