ލޮލުގެ އިންޖެކްޝަން ހޮސްޕިޓަލުގައި ނެތަސް، ގަނެގެން ގެނައުމުން ޖަހައިދޭ: އައިޖީއެމްއެޗް
ލޮލުގެ އިންޖެކްޝަން ހޮސްޕިޓަލުގައި ނެތަސް، ގަނެގެން ގެނައުމުން ޖަހައިދޭ: އައިޖީއެމްއެޗް

މަހަކު 40އެއްހާ މީހުން ޖަހާ ލޮލުގެ މުހިންމު އިންޖެކްޝަނެއް އެ ހޮސްޕިޓަލުގެ ފާމަސީގައި ލިބެން ނުހުންނާތީ، ގަނެގެން ގެނައުމުން އެ ޚިދުމަތް ދޭ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ލޮލުގެ ފަރުވާއަށް ޖަހައިދޭ އިންޖެކްޝަނެއް އައިޖީއެމްއެޗުން ނުޖެހި، އައިކެއާއިން ޖަހަން ޖެހޭ ކަމުގެ ޝަކުވާތަކެއް އިޖުތިޖާއީ ކޮމިޓީއަށް އޮތީ ހުށަހަޅާފައެވެ. އެ އިންޖެކްޝަން އައިކެއާއިން ޖަހައިދެނީ ބޮޑު އަގަކަށް ކަމަށްވާއިރު، އާސަންދަ ލިބެނީ ދެބައިކުޅަ އެއްބަޔަށެވެ. އެހެންވެ، އެ މައްސަލައިގައި އައިޖީއެމްއެޗުގެ އިސްވެރިންނާ އިޖުތިމާއީ ކޮމިޓީގައި ވަނީ ސުވާލުކޮށްފައެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ އޮޕްތަލްމޮލޮޖީގެ ކޮންސަލްޓަންޓު ޑރ. މަރިޔަމް ޝަހާނާ މުފީދު ވިދާޅުވީ، ލުސެންޓިކްސް ނަމަކަށް ކިޔާ އެ އިންޖެކްޝަން ލޮލުގެ އެތެރެފަށަލައިގެ ބަލިތަކާއި ސްޓްރޯކްގެ ބަލިތަކުގައި މީހުންނަށް ގަޔަށް ޖަހަން ޖެހުމުން ބޭހެއްގެ ގޮތުގައި ލިޔެދޭ ކަމަށެވެ. މިގޮތުން، އެ ބޭސް ގަނެގެން ގެނައުމުން ބޭސް ދިޔައީ އައިޖީއެމްއެޗުން ޖަހައިދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް ޒީނަތު އަލީ ހަބީބާއި އައިޖީއެމްއެޗުގެ އޮޕްތަލްމޮލޮޖީގެ ކޮންސަލްޓަންޓު ޑރ. މަރިޔަމް ޝަހާނާ މުފީދު މިއަދުގެ ކޮމިޓީގައި --- ފޮޓޯ/ މަޖިލިސް

"އެ އެއްޗަކީ ހޮސްޕިޓަލުގެ ފާމަސީގައި ހުންނަ އެއްޗަކަށް ނުވާތީ އަޅުގަނޑުމެންނަށް ޕޭޝަންޓުންގެ ޑިމާންޑާ އެއްވަރަށް ފޯރެއް ނުކޮށްދެވޭ. ގަނެގެން ގެނެސްދިނީމަ ދެމުން ދިޔައީ" ޝަހާނާ ވިދާޅުވިއެވެ.

އެއީ، މަހަކު އެއްފަހަރު ޖަހަން ޖެހޭ އިންޖެކްޝަނެއް ކަމަށްވާއިރު، އޯޑަރުކޮށްގެން ލިބެނީ ތިން މަސް ފަހުންނެވެ. އެ ކަމާ ހެދި، ފަރުވާ ލަސްވެ، ބަލި މީހުންގެ ލޮލުގެ ފުސްކަން އިތުރުވާތީ އެ ކަންބޮޑުވުން ވެސް އެބަ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝަހާނާ ވިދާޅުވި ގޮތުގައި،މަހަކުއާންމުކޮށް 40 އެއްހާ މީހުންމި އިންޖެކްޝަން ޖަހައެވެ. އެކަމަކު، ބަލި މީހަކަށް ބޭނުންވާނީ، ކިހާ އިންޖެކްޝަނެއްކަން ދަންނަވަން ދަތިކަން ޑރ. ޝަހާނާ ފާހަގަކުރެއްވިއެވެ.

އެ އިންޖެކްޝަނުގެ ސްޓޮކާ ގުޅުވައި ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ހެޑް އޮފް ޕްރޮކިއުމަންޓް ޒީނަތު އަލީ ހަބީބް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ސްޓޮކް ބަހައްޓަނީ އާންމުކޮށް ޚިދުމަތް ހޯދާ ބަލި މީހުންނަށް ވިޔަސް އެހެން މީހުންނަށް ވެސް ޖަހައިދޭ ކަމަށެވެ. އެކަމަކު، މި މައްސަލަ ފެންމަތިވެގެން އުޅެނީ، ބޭރުގެ އެހެން ފާމަސީތަކުގައި މި އިންޖެކްޝަން ނެތުމުންކަން އޭނާ ކިޔައިދެއްވިއެވެ.