މިއަދަކީ ބޮލީވުޑުގެ ސުޕަރސްޓަރ އަމީތާބް ބައްޗަންގެ ހަތްދިހަވަނަ އުފަން ދުވަހެވެ. ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު ހިންދުސްތާނީ ސިނަމާގެ "ރުޅިގަދަ ސޮރުގެ" ގޮތުގައި މަޝްހޫރު ވެގެން ދިޔަ އަމީތާބް، މިހައިތަނަށް 180 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރި ވެފައިވާ އިރު، އޭނާގެ ފިލްމީ ހަޔާތް ވަނީ ހަތަރު ދަހައަށް ދެމިގެން ގޮސްފައެވެ.

އަމީތާބް ހަރިވަންޝް ބައްޗަން ނުވަތަ އަމީތާބަކީ ހިންދުސްތާނުގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ނަމެވެ. 1942 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު، އިންޑިޔާގެ އުއްތަރްޕްރަދޭޝްގެ އިލާހުއާބާދަށް އުފަންވި އަމީތާބުގެ ބައްޕަ ޑރ.ހަރިވަންޝް ރާއީ ބައްޗަނަކީ ހިންދޫއެކެވެ. ހިންދީ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެކެވެ. އަމީތާބުގެ މަންމަ ތޭޖީ ބައްޗަނަކީ ޕަންޖާބީ ސިކެކެވެ. ތޭޖީ ބައްޗަން އުފަން ވެފައި ވަނީ ލާއޭލްޕޫރަށް ނުވަތަ މިހާރުގެ ޕާކިސްތާނުގެ ފައިސަލްއާބާދަށެވެ. އަމީތާބުގެ ބައްޕައެކޭ އެއްފަދައިން އަމީތާބަކީ ވެސް މިހައިތަނަށް ހިންދޫއެކެވެ.

އަމީތާބުގެ ހަޔާތުގެ ބައިވެރި އަކީ ޖަޔާ ބަދޫރީއެވެ. މި ދެމަފިރީން ކައިވެނިކޮށްފައި ވަނީ 1973 ވަނަ އަހަރުއެވެ. ލިބިފައި ވަނީ 2 ކުދީންނެވެ. އަބީޝެކް ބައްޗަން އާއި ޝްވޭތާ ނަންދާއެވެ.

އަމީތާބަކީ ހިންދުސްތާނީ ސިނަމާ މިހައިތަނަށް ދުށް އެންމެ ހުނަރުވެރި، އެންމެ ނުފޫޒުގަދަ އަދި އެންމެ ވިދުން ގަދަ ތަރިއެވެ. އަމީތާބަށް ވަނީ އެތައް އެވޯޑެއް ލިބިފައެވެ. މީގެ ތެރޭގައި ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ ތިން އެވޯޑާއި، ފިލްމު ފެއަރ އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ ސާދަ އެވޯޑު ހިމެނެއެވެ. އަމީތާބަކީ އެންމެ ބޮޑެތި އެވޯޑުތަކަށް އެންމެ ގިނައިން ނޮމިނޭޓު ވެފައި ވާ އެކްޓަރު ވެސް މެއެވެ. އަމީތާބް ވަނީ ފިލްމު ފެއަރގެ އެކިއެކި އެވޯޑުތަކަށް 37 ފަހަރު ނޮމިނޭޓް ވެފައެވެ.

އެކްޓު ކުރުމުގެ އިތުރުން އަމީތާބް ވަނީ ލަވަ ވެސް ކިޔައިފައެވެ. ފިލްމު އުފެއްދުމާއި ޓީވީ ޝޯތައް ހުށަހަޅައި ދިނުމުގައި ވެސް އަމީތާބް ފާހަގަ ކުރެވެއެވެ. 1980ގެ އަހަރުތަކުގައި އަމީތާބް ވަނީ ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރި ވެފައެވެ. އަމީތާބަށް ވަނީ އިންޑިޔާގައި ދޭ އެންމެ ޝަރަފުވެރި މަދަނީ މެޑެލްތަކުގެ ތެރޭގައި ހިމެނޭ ޕަދްމާ ޝްރީ އާއި ޕަދްމާ ބޫޝާންގެ މެޑެލް ލިބިފައެވެ.

ބޮލީވުޑްގެ "ބިގްބީ" ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ އަމީތާބު ބައްޗަން ބޮލީވުޑްގައި މިހައިތަނަށް 180 ފިލްމް ކުޅެފައިވާއިރު މިހާތަނަށް އިންޑިޔާގައި ބޭއްވި އެންމެ މަގުބޫލް ޓީވީ ޝޯ ކަމުގައިވާ "ކޯންބަނޭންގާ ކްރޯޑްޕަތީ" ހޮސްޓް ކޮށްދީފައި ވަނީ ވެސް އަމީތާބެވެ. އޭރުވެސް މިހާރު ވެސް ބޮލީވްޑްގައި އެންމެ ހިނގާ ތަރިއަކީ އަމީތާބެވެ.

އަމީތާބް ބައްޗަނަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން މަޝްހޫރުކަމަށް އެއްވެސް ބަދަލެއް ނާންނަ ތަރިއެކެވެ. އެތައް އަހަރެއް ވީ އިރުވެސްމެއެވެ. އަމީތާބް އެކްޓްކޮށްފައިވާ ފިލްމުތަކުގެ މަންޒަރުތައް އަލުން ކުޅެ، އެ މަންޒަރުތައް މިހާރުގެ ފިލްމުތަކުގައި ހިމެނުމަކީ ފިލްމު އުފައްދާ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށް މިހާރުވަނީ ވެފައެވެ.