24 Nov 2026, 16:39
މާލޭގައި ހިންގާ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި/ މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) ގެ އިތުރުން ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ.
މި މީހުންގެ ތެރެއިން އަޙްމަދު ނާޒިމް އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެކަމަށް ފުލުހުން ބުންޏެވެ.
އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާ ބުދަ ދުވަހުކަމަށާއި މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ވަނީ މި މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން ވަގަށް ނެގި ފައިސާގެ ތެރެއިން 1,093,122.25 (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8,845 ޔޫއެސް ޑޮލަރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ޖުމްލަ 1,252,505 (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11,470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.