ވަކި ބްރޭންޑެއްގެ ބޭސް މާ ރަނގަޅުކަން ސައިންޓިފިކް ގޮތުން އެނގޭކަށް ނެތް؛ އެކަމަށް އެދުމަކީ ބޮޑު ޗެލެންޖެއް: ޑރ. އަޝްރަފް
ވަކި ބްރޭންޑެއްގެ ބޭސް މާ ރަނގަޅުކަން ސައިންޓިފިކް ގޮތުން އެނގޭކަށް ނެތް؛ އެކަމަށް އެދުމަކީ ބޮޑު ޗެލެންޖެއް: ޑރ. އަޝްރަފް

ވަކި ބްރޭންޑެއްގެ ބޭސް ބޭނުންވެގެން ބައެއް މީހުން ހުށަހެޅުމަކީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި ސިފަކުރައްވައި، ވަކި ބްރޭންޑެއްގެ ބޭހެއް މާ ރަނގަޅުކަން ސައިންޓިފިކް ގޮތުން އެނގޭކަށް ނެތް ކަމަށް ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފް މިއަދު ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ޑރ. އަޝްރަފް ވަނީ، ބޭހުގެ މައްސަލައަށް ވެސް އިޝާރާތްކުރައްވާފައެވެ. މިގޮތުން، ބައެއް މީހުން ފަރިތަވެފައި ހުރި ވަކި ބްރޭންޑަކަށް ބޭސް ލިޔެދިނުމަށް ޑޮކްޓަރުން ކައިރިން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ބޮޑު ޗެލެންޖެއް އެއީ ބައެއް ބޭފުޅުން ވަކި ސްޕެސިފިކް ބްރޭންޑެއް ބޭނުންވެގެން ރިކުއެސްޓުކުރައްވާ ކުރެއްވުން. ގިނަ ފަހަރަށް ބްރޭންޑުތަކުގެ ސައިންޓިފިކް ޖަސްޓިފިކޭޝަނެއް ނޯވޭ ވަކި ބޭހަކީ އަނެއް ބޭހަކަށް ވުރެ އިފެކްޓިވް ބޭހެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފް -- ފޮޓޯ/ އުނގޫފާރު ހޮސްޕިޓަލް

އެގޮތަށް ޑޮކްޓަރުން ވެސް ލިޔެދެނީ، އަގުގެ ގޮތުން ވަރަށް ތަފާތު ބޭސްތަކެއް ކަމަށާއި އަގުގެ ގޮތުން ވަކި ބްރޭންޑެއްގެ ބޭސް ނުލިބިގެން މީހުން އުޅެން ޖެހޭކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

އިތުރު ހާލަތެއް ވެސް އޭނާ ކިޔައިދެއްވިއެވެ. މިގޮތުން، ބޭރުގެ އެކި ގައުމުތަކުން ޑޮކްޓަރަށް ދެއްކުމުން ވަކި ބޭހެއް ކެއުން ކުރިއަށް ގެންދަން އެންގުމުން، އެ ބޭހަކަށް ކިޔާ ނަމުން ހޯދޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ޑޮކްޓަރުން އެ ވިދާޅުވަނީ، އެ ބޭހުގައި ހިމެނޭ މާއްދާތަކުގެ ބޭސް ކެއުމަށް ކަމަށް އަޝްރަފް ކިޔައިދެއްވިއެވެ.

"މިސާލަކަށް މިހާރު އެބަ ދިމާވޭ ތިން ކޮމްޕޯނަންޓު އެއް ގުޅައެއްގައި އިންނަ ބޭހެއް. އެ ބޭސް ވެސް ރާއްޖެއަކު ނުހުރޭ. ހުންނާކަށް ނުވެސް ޖެހޭ އަސާސީ ބޭހެއްގެ ގޮތުގައެއް. އަޅުގަނޑުމެނަށް އެއީ ވަކިން ދެވެން ހުރި ތިން ގުޅަ ބޭސް،" އޭނާ ތަފުސީލުކޮށްދެއްވިއެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި، މި ފަދަ ހާލަތްތައް ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާގެ ތެރޭގައި މީހުން ހިމަނައެވެ. އެ ކަންކަން ހައްލުކުރުމަށް މިހާރު ވެސް ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމުގެ ތެރެއިން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހިމެނޭ ބޭހެއް ނުހުންނަ ހާލަތުގައި އެ މާއްދާ ހިމެނޭ އެހެން ބްރޭންޑެއްގެ ބޭހެއް ދިނުމުގެ އިޚުތިޔާރު މިހާރު ފާމަސިސްޓުންނަށް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.

ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވާ ގޮތުގައި، މިހާރު ކުރާ ގޮތަށް، އެ ކުންފުންޏަށް މަސައްކަތްކުރެވިއްޖެނަމަ، އަންނަ އަހަރުގެ ކުރީކޮޅު ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެއެވެ.